މިއަދު ހެނދުނުގެ ވަގުތެއްގައި ބަންގްލަދޭޝްއަށް އައި ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން ތިން މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
5.7 މެގްނިޓިއުޑްގެ މި ބިންހެލުމުގެ ސަބަބުން ބަންގްލަދޭޝްގެ ވެރިރަށް ދާކާގެ އިތުރުން އެހެނިހެން ބައެއް ސަރަހައްދުތަކުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީވެފައެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސަރވޭއިން ބުނި ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ދާކާގެ އިރުމަތިން ގާތްގަނޑަކަށް 40 ކިލޯމީޓަރު (25 މޭލު) ދުރުގައި އޮންނަ ނަރސިންދީ ސިޓީއަށެވެ. އަދި ބަންގްލަދޭޝްއާ ބޯޑަރުވާ އަވަށްޓެރި އިންޑިއާގެ އިރުމަތީ ރަށްތަކަށް ވެސް މި ބިންހެލުމުގެ ސަބަބުން ލޮޅުން އިހުސާސް ކުރެވުނު ކަމަށާ ނަމަވެސް، ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވާ ކަމަށެވެ.
ބަންގްލަދޭޝްގެ ފުލުހުން ހާމަކުރި ގޮތުގައި، ބިންހެލުމާއި ގުޅިގެ ހަ ފަންގިފިލާގެ އިމާރާތެއްގެ ރެއިލިންގް ވެއްޓިގެން ތިން މީހުން ވަނީ މަރުވެފައެވެ.
ރޮއިޓާސްއަށް މައުލޫމާތު ދިން މީހުން ބުނި ގޮތުގައި، އިމާރާތްތަކަށް ލޮޅުންއަރައި، ބައެއް ގެތައް ވެއްޓެން ފެށުމާއެކު، އެ ސަރަހައްދުތަކުގެ މީހުން އެމީހުންގެ ގެތަކުން ނުކުމެ ދުއްވައިގަތެވެ.
"އަހަރެމެންނަށް ވަރަށް ބޮޑު ލޮޅުމެއް އިހުސާސް ކުރެވުނު. އިމާރާތްތައް ގަސްތަކެއްހެން ހެލުވެމުން ދިޔަ. މީހުން ދުވެފައި ތިރިއަށް ފައިބަން މަސައްކަތް ކުރުމުން ސިޑިތައް ފުރިބާރުވި. ކުޑަކުދިން ރޮއެ ހެދި، ހުރިހާ އެންމެން ވެސް ތިބީ ބިރުގަނެފައި." ރޮއިޓާސްއަށް މައުލޫމާތު ދިން ބަންގްލަދޭޝްގެ މީހަކު ބުންޏެވެ.
ފަޔަރ ޑިޕާޓްމަންޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބިނާކުރަމުންދިޔަ އިމާރާތްތަކުން ގައުގަލާއި ސިމެންތި ވެއްޓިގެން ވެސް ބައެއް މީހުންނަށް ވަނީ އަނިޔާވެފައެވެ.
"އަހަރެންގެ ޙަޔާތުގައި މިހާ ބާރުގަދަ ލޮޅުމެއް އަދި ދުވަހަކު ވެސް އިހުސާސްކޮށްފައެއް ނުވޭ. ފަރުނީޗަރުތައް ތެޅެން ފެށީ އަހަރެމެން އޮފީހުގައި ތިއްބައި. އަހަރެމެން ދުވެފައި މަގުމައްޗަށް ފޭބިއިރު، އެހެން މީހުން ވެސް މަގުމަތީގައި ތިބިތަން ފެނުނު." ދާކާގެ އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރާ ސަދުމާން ސާކިބު ބުންޏެވެ.
ބަންގްލަދަެޝްގެ ވަގުތީ ސަރުކާރުގެ ވެރިޔާ މުހައްމަދު ޔޫނުސް ވަނީ ގެއްލުންތައް ބަލަމުންދާ ކަމަށާއި، ހުރިހާ އެންމެން ހަމަޖެހި ތިބުމަށް ގޮވާލައްވާފައެވެ.
ބަންގްލަދޭޝްއަށް ބާރުގަދަ ބިންހެލުމެއް؛ ތިން މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ