އިސްރާއީލުން ހައްޔަރުކޮށްފައިތިބި ފަލަސްތީނު ރައްޔިތުން އެނބުރި އައުމުން އުފަލުގެ ކަރުނަ

އިސްރާއީލާއި ހަމާސްއާ ދެމެދު އެމެރިކާގެ މެދުވެރިކަމާއެކު ވެވުނު ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، އިސްރާއީލުން ހައްޔަރުކޮށްފައި ތިބި ފަލަސްޠީނު ރައްޔިތުން މިނިވަންކުރެވި، އެނބުރި ގެއަށް އައުމުން ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން ވަނީ އުފާވެރިކަމާއެކު އެމީހުންނަށް މަރުޙަބާ ކިޔާފައެވެ.
މި އެއްބަސްވުމުގެ ދަށުން މިނިވަންކުރެވުނު ފަލަސްޠީނު ރައްޔިތުން ބަހުގައި އިސްރާއީލުން ހިފާފައިވާ ވެސްޓް ބޭންކާއި ޣައްޒާއަށް އައުމުން، އުފާވެރިކަމާއެކު އެމީހުންނާ ބައްދަލުކުރުމަށް ފަލަސްޠީނުގެ ރައްޔިތުން އަވަސްވެގަތެވެ. މި ރައްޔިތުން މިނިވަންކުރެވުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހިންގުނު ހަމަލާގައި ހަމާސްއިން ހިފަހައްޓާފައިވާ 20 އިސްރާއީލު ރަހީނުން ދޫކޮށްލުމާ ގުޅިގެންނެވެ.
މި އެއްބަސްވުމުގެ ދަށުން އިސްރާއީލުން މިނިވަންކުރާނެ ކަމަށް ބުނެފައިވަނީ އިސްރާއީލުން ބޮޑެތި ދަޢުވާތައް އުފުލިފައިވާ 250 ފަލަސްޠީނުންނާއި، ހަނގުރާމަ ފެށުނީއްސުރެ ޣައްޒާއިން ހައްޔަރުކޮށްފައިވާ 1،700 ފަލަސްޠީނުންނާއި، 22 ކުޑަކުދިންނާއި، 360 ހަނގުރާމަވެރިންގެ ހަށިގަނޑެވެ. މިއީ ރަހީނުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ބައެކެވެ.
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުގެ އެތެރެއާއި ވަށައިގެން އެތައް ހާސް ބަޔަކު އު އެއްވެ، މިނިވަންކުރެވުނު އަޚުންނާއި ބައްދަލުކުރުމަށް އިންތިޒާރުކުރިއެވެ. އޭގެ ތެރެއިން ބައެއް މީހުން ފަލަސްޠީނުގެ ދިދަ ނަގައި ހޫރުވަމުން ދިޔައިރު، އަނެއްބައި މީހުން އެމީހުންގެ ގާތްތިމާގެ މީހުންގެ ފޮޓޯ ހިފައިގެން ތިއްބެވެ. އެ ސަރަޙައްދުގައި ވަނީ ފަލަސްތީނުގެ ޤައުމީ މަޞްލަޙަތު ފާހަގަކުރާ ލަވަތައް ލައުޑްސްޕީކަރުތަކުން ޖަހަމުން ގޮސްފައިވެއެވެ.
އުފަލުގެ ކަރުނަ ފޮހެލަމުން، އުއްމު އަޙްމަދު ކަމަށް ކިޔާ އަންހެނަކު ރޮއިޓާސް ދިން އިންޓަވިއުއެއްގައި ބުނީ މިނިވަންކުރެވުނު މީހުންނާ މެދު އުފާވި ނަމަވެސް، މިއަދާ މެދު "މިކްސްޑް ފީލިންގްސް" ކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ދަރިން މިނިވަންވީތީ އުފާވޭ. އެކަމަކު އަދިވެސް ހިތާމަކުރަން އިސްރާއީލުން ޝަހީދުކޮށްލި އެންމެންނާއި، އަޅުގަނޑުމެންގެ ޣައްޒާއަށް ލިބުނު ހުރިހާ ގެއްލުމަކަށް،" އޭނާ ބުންޏެވެ.
މިނިވަންކުރެވުނު ފަލަސްތީނުގެ ރައްޔިތުން ހޮސްޕިޓަލަށް އައީ ބަހުގައެވެ. އޭގެ ތެރެއިން ބައެއް މީހުން ކާމިޔާބުގެ ނިޝާން ދައްކަމުން ބަހުގެ ކުޑަދޮރުން ފެންނަން ތިއްބެވެ. އެމީހުން މެޑިކަލް ޗެކަޕްތައް ހަދާނީ އެ ހޮސްޕިޓަލުގައެވެ. މިނިވަންކުރެވުނު ފަލަސްތީނުގެ ރައްޔިތުންނަށް މަރުޙަބާ ކިޔުމަށްޓަކައި ހޮސްޕިޓަލުގައި ސްޓޭޖަކާއި ގޮނޑިތަކެއް ބަހައްޓާފައި ހުއްޓެވެ. މީގެ އިތުރުން، ހަމާސްގެ ހަތިޔާރުއެޅި ބައިގެ މެންބަރުންކަމަށް ބެލެވޭ، މޫނު ނިވާކޮށްގެން ތިބި ގާތްގަނޑަކަށް 12 މީހަކުވެސް ހޮސްޕިޓަލަށް އައެވެ.
އިސްރާއީލުން ޣައްޒާއަށް ކުރަމުންދާ ހަނގުރާމައިގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މަދުވެގެން 67،869 މީހުން ޝަހީދުވެ، 170،105 މީހުންނަށް ޒަޚަމްވެފައިވެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހިންގުނު ހަމަލާގައި އިސްރާއީލުގައި ޖުމްލަ 1،139 މީހުން މަރުވި އިރު، ގާތްގަނޑަކަށް 200 މީހުން ރަހީނުންގެ ގޮތުގައި ހިފެހެއްޓުނެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ