ސަރުކާރުން 206 މަޝްރޫއެއް ހަވާލުކޮށްފި، ކުޅިވަރަށް އެކަނި 52 މަޝްރޫއެއް

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން ސަރުކާރުން މިއަދު 206 މަޝްރޫއެއް ޕްރައިވެޓު ކުންފުނިތަކާ ހަވާލުކޮށްފިއެވެ. މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އުމްރާނީ ތަރައްގީގެ ނުވަ ދާއިރާއަކަށް ޚާއްސަ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށްފައިވެއެވެ. އަތޮޅު ތެރެއަށް ޚާއްސަ މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ 53 ކުންފުންޏަކާއެވެ. އެ އެއްބަސްވުންތަކުގެ ދާއިރާތައް: * ތައުލީމީ ދާއިރާގެ ތެރެއިން ސްކޫލުތަކަށް ޚާއްސަ 31 މަޝްރޫއު * ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ 30 މަޝްރޫއު * ޕޮލިސް ސްޓޭޝަންތައް ތަރައްގީކުރުމުގެ 39 މަޝްރޫއު * ތިމާވެށީގެ ދާއިރާގެ ތެރެއިން ވޭސްޓް މެނޭޖްމެންޓް ސެންޓަރުތައް އެޅުމަށް 24 މަޝްރޫއު * މަސްވެރިކަމުގެ ދާއިރާގެ ދެ މަޝްރޫއު * ކުޅިވަރުގެ ދާއިރާގެ 52 މަޝްރޫއު * ބޯހިޔާވަހިކަމާއި އިންފްރާސްޓްރަކްޗާގެ 13 މަޝްރޫއު * އިސްލާމީ ކަންކަމާ ގުޅުންހުރި 14 މަޝްރޫއު * ޒުވާނުންނާ ގުޅޭ ދާއިރާއިން އެއް މަޝްރޫއު ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން ސަރުކާރުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި ދައުލަތުގެ އިސް ބޭފުޅުން: ފޮޓޯ؛ ރައީސް އޮފީސް މި ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ގޮތުން، މި އަހަރު ތެރޭގައި ރަށްރަށުގައި ފެށި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ދައުލަތުގެ ކުންފުނިތަކާއެވެ. އޭގެ ސަބަބުން އަމިއްލަ ކުންފުނިތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، އަމިއްލަ ކުންފުނިތަކަށް ނުދީ ހުރި 2.3 ބިލިއަން ރުފިޔާ ދެއްވާނެ ކަމަށާއި އެފަދަ ކުންފުނިތަކަށް މަޝްރޫއުތައް ވެސް ހަވާލުކުރާނެ ކަމަށް ވިދާޅުވެއެވެ. މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރުމުގެ މަަސައްކަތް އަދިވެސް ކުރިއަށް އެބައޮތް ކަމަށެވެ. އަދި މި މަޝްރޫއުތަކަށް ދޭންޖެހޭ ފައިސާ، އެއްބަސްވެފައިވާ ގޮތަށް ކޮންޓްރެކްޓަރުންނަށް ލިބޭނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ. 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކަށް ހަވާލުކުރުމުގެ ރަސްމިއްޔާތު: ސްކޫލުތަކާ ގުޅުންހުރި 31 މަޝްރޫއެއް ހަވާލުކުރި ----ފޮޓޯ: ރައީސް އޮފީސް "ޕޭމެންޓުގެ، ފައިސާ ލިބުމުގެ އެއްވެސް ތާށިކަމެއް ނާންނާނެ މަޝްރޫއުތަކެއްގައި ސޮއިކުރެވިގެން މި ދިޔައީ. އާންމުކޮށް ސަރުކާރު ތެރެއިން ފައިސާ ދޫކުރުމުގައި އެ ހުންނަ ދަތިކަމުގެ ތެރެއިން އެ އަންނަ ޑިލޭތައް އެއްވެސް ވަރަކަށް ނާންނާނެ،" ރައީސް ވިދާޅުވިއެވެ. މިއަދު 206 މަޝްރޫއުއެއް ހަވާލުކޮށްފައިވާއިރު، ފާއިތުވި ދެ ދުވަހު ވެސް ސަރުކާރުން ވަނީ 10 ތަރައްގީގެ މަޝްރޫއެއް ޕްރައިވެޓް ކުންފުނިތަކާ ހަވާލުކޮށްފައެވެ. އެ 216 މަޝްރޫއުގައި ހިމެނެނީ 123 ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ މަސައްކަތްތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ