މޭވާ ލިބޭނީ ގަހުންނެވެ. ގަސްފަޅާނީ އޮށް އިންދީމައެވެ. ވީމާ މޭވާ ލިބެން އެދޭމީހާއަށް ފުރަތަމަ ކުރަންޖެހޭނެ ކަމަކީ އޮށް އިންދުމެވެ. ގިނަ ބައަކަށް ކަންކަން ކުރެވޭ ގޮތަކީ އަތުން އޮށް ގެއްލިދާނެތީ ނުވަތަ މަދުވެދާނެތީ އޮށް ނުއިންދަނީއެވެ. ގޮވާން ލިބޭނީ ގަސް ހެދި ގަހުގައި އަޅާނެ ކުރާތަކުންކަން އެނގިތިބެވެސްމެއެވެ.
ދައްކަން މިއުޅެނީ ޞަދަޤާތްކުރުމުގެ ވާހަކައެވެ. ކަންކަމު އެދިގެން ނިކަމެތިން ދިއުމުން އެހީތެރިނުވާ މީހުން ގިނަވާތީއެވެ. އަދި އަމިއްލަ ޢާއިލާގެ މީހުން ކަންކަމު އެދިގެން ދިއުމުންވެސް މިވަޤުތު ކޮށްދެވެން ނެތްކަމަށް ބުނާ މީހުންވެސް ގިނަވާތީއެވެ. އެގޮތަށް އެބުނާ ގިނަ މީހުން އެހެން އެބުނަނީ އެމީހުންގެ އަތުގައި އެއްޗެއް ނެތިއެއްވެސް ނޫނެވެ. އެމީހުންގެ އަމިއްލަ ބޭނުންތަކަށް މަދުވެދާނެތީއެވެ.
ބައެއް މީހުން ޞަދަޤާތް ދޭން ވިސްނަނީވެސް އެމީހުންގެ އަމިއްލަ ބޭނުންތައް ފުއްދައި އިތުރަށް ހުރިނަމައެވެ. ފަޤީރަކަށް އެހީތެރިވިނަމަވެސް ތިމާއަށް މަދުނުވާނެ ވަރަށް އަތުގައި ހުރިނަމައެވެ. އެއްވެސް ޙާލެއްގައި މިއީ ކަންތައް ކުރަން އޮތް ގޮތެއް ނޫނެވެ. އަދި އަހުރެން ބުނާނީ އެއީ ކަންތައް ކޮށްގެން ވާނެ ގޮތެއްވެސް ނޫން ކަމަށެވެ.
އަތުގައި ފުދި އިތުރުވާވަރަށް ހުރިނަމަ ދިނުމުންވެސް އެއީވެސް ޞަދަޤާތަކަށް ނުވާނެކަމަށް ބުނަނީއެއް ނޫނެވެ. ނަމަވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި އެންމެ މަތިވެރި ޞަދަޤާތަކީ އެއްޗަކަށް ތިމާ ބޭނުންވެގެން ހުރެމެ ﷲ ތަޢާލާއަށްޓަކައި އެއްޗެއް ޞަދަޤާތް ކުރުމެވެ.
މިޘާލަކީ އަމިއްލަ ބޭނުންތައް ނުފުއްދައިވެސް ދަތިޙާލުގައި ހުރި މީހަކު އެހީތެރިކަމަކަށް އެދުމުން ޞަދަޤާތް ކުރުމެވެ. އަތްމަތި ދަތިނަމަވެސް އަތުގައި ހުރި މިންވަރަކުން ޞަދަޤާތް ކުރުމެވެ.
ދަތިޙާލުގައި ހުރެވެސް ހެޔޮ ނިޔަތުގައި ﷲ ތަޢާލާއަށްޓަކައި ޞަދަޤާތްކޮށްފި މީހާއަށް ﷲ ތަޢާލާ މިދުނިޔޭގައިވެސް އަދި އެދުނިޔޭގައިވެސް ލައްވަވާނެ ރަޙްމަތުގެ ބޮޑުކަން ނުވެސް އެނގޭނެއެވެ. އެކަމުގައި އިމެއް ނެތެވެ. އެހެނީ އޭނާގެ އަމިއްލަ ބޭނުންތަކުގެ ކުރިއަށް ﷲ ތަޢާލާގެ މަގު އިޚްތިޔާރުކުރީތީއެވެ. އަމިއްލަ ނަފްސަށްވުރެ ﷲ ތަޢާލާގެ އެންގެވުމަށް ލޯބިކުރީތީއެވެ. ކިތަންމެ ދަތިޙާލުގައި ހުންނަން ޖެހުނަސް އެއީ ތަކްލީފެއްކަމަށް ނުދެކި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށް އިސްކަން ދިނީތީއެވެ.
- މުފްތީ މެންކުގެ ދަރުސަކުން
ފުދުންތެރިވާން ޢަމަލުކުރެވޭ ގޮތުން އިތުރަށް ފަޤީރުވެ ނިކަމެތިވާ މީހުން އަންނަނީ ގިނަވަމުން! ހޭލުންތެރިވަމާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ