ޑޮލަރުގެ އަގު ތިރިވެ، އިޤްތިޞާދަށް ދިރުން އަންނަން ފަށައިފި: ރައީސް

ފާއިތުވި 4 މަސްދުވަހުގެ ތެރޭގައި ކުރެއްވުނު މަސައްކަތްތަކުން، ފައިސާގެ އަގު ހިފެހެއްޓި، އިޤްތިޞާދު ރަނގަޅުވާން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދަޢުލަތުގެ މީޑިޔާއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ޤައުމުގެ އިޤްތިޞާދީ ޙާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. މިއާއެކު އެމަނިކުފާނަށް އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގަތް އެއް މަސައްކަތްޕުޅަކީ ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރެއްވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމެވެ.
އެމަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައިވެރިކަމުގެ 4 މަސްދުވަހުގެ މަސައްކަތްޕުޅު ސިފަކުރައްވަމުން ރައީސް ވިދާޅުވީ ހިތްޕުޅުހަމަޖެހިވަޑައި ގަންނަވާކަމަށެވެ.
ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ އިޤްތިޞާދު އޮތީ އަނދަވަޅެއްގެ ތެރޭގައިކަމަށާއި، 120 ބިލިއަން ރުފިޔާގެ ދަރަނި އޮތްކަމަށެވެ. އޭގެ އިތުރުން ކުރީ ސަރުކާރުގައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގުވެއްޓި، ޑޮލަރުގެ އަގު އިންތިހާއަށް އޮތީ އުފުލިފައިކަން ރައީސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް އިޤްތިޞާދު ހީނަރުވެ، ކުދި ވިޔަފާރިތައް އޮތީ ހުއްޓިފައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ސަރުކާރާ ޙަވާލުވެވަޑައިގެންނެވިއިރު ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތައް އޮތީ ބަނގުރޫޓުވެފައިކަމަށާއި، ރަނގަޅަށް ހިނގާ ކުންފުނިތަކުގެ ފައިދާވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައި އޮތްކަމަށެވެ. މީގެ އިތުރުން އިޤްތިޞާދު މިންކުރާ ކްރެޑިޓް ރޭޓިންގައިވެސް އޮތީ ވަރަށް ދަށުގައިކަމަށް ރައީސް ވިދާޅުވިއެވެ. ޖުމްލަކޮށް ޤައުމުގެ ހާލަތު އޮތީ ވަރަށް ނިމެތިކޮށްކަމަށާއި، އިޤްތިޞާދަށް ދިރުން ގެނެސްދޭނެ ކަންކަން ކުރިއަށް ނުދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ނިންމެވި އެންމެ މުހިންމު އެއް ނިންމެވުމަކީ ފައިސާ ޗާޕްކުރުން ހުއްޓާލުންކަމަށެވެ. އޭގެ ސަބަބުން ފައިސާގެ އަގު ހިފެހެއްޓިފައިވާކަމަށާއި، އިޤްތިޞާދުވެސް ރަނގަޅުވާން ފަށާފައިވާކަމަށެވެ. އަދިވެސް ކުރެވޭ އިތުރު ކަންކަމާއެކު ވަގުތު ބޭނުންވާނެކަމަށާއި، ނަތީޖާވެސް ފެންނަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، ކުރީ ސަރުކާރުގެ ތިން އަހަރު ތެރޭގައި ދައުލަތުން 8.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ.
"ފައިސާގެ އަގު ހިފެހެއްޓި، ޑޮލަރުގެ އަގު ތިރިވެ އިޤްތިޞާދަށް ދިރުން އެބައާދޭ. އެއީ ނެރެވެމުންދާ ވަރަށް ބޮޑު ނަތީޖާއެއް. އިންވެސްޓަރުންގެ ކޮންފިޑެންސް އަނބުރާ އެބަލިބޭ. މިހާރު އިންވެސްޓްކުރާނެ ފަރާތްތައް ވަރަށް ގިނަ. ޕްރޮޕޯސަލްތައްވެސް އެބަ އާދޭ. ޓުރިޒަމް ދާއިރާގަވެސް އަދި އެހެނިހެން ދާއިރާތަކުގެވެސް. ބޭރުގެ އެކި ފަރާތްތަކުން ވަރަށް ޝަޢުގުވެރިކަން ފާޅުކުރޭ." ރައީސުލްޖުމްހޫރިއްޔާޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ