ދާއިރާގެ ރައްޔިތުންގެ ވޯޓުން މެންބަރު މަގާމުން ވަކިކުރެވޭނެ އިސްލާހެއް މަޖިލިހަށް ހުށައަޅައިފި

މަޖިލިސް މެމްބަރަކު ތަމްސީލު ކުރާ ދާއިރާއެއްގެ ރައްޔިތުންގެ ވޯޓުން މެންބަރު މަގާމުން ވަކިކުރެވޭނެ އިސްލާހެއް މަޖިލިހަށް ހުށައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށައެޅީ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
މެމްބަރު ހަސަން ލަތީފް، ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ ގެ ފަހަތަށް އަކުރެއް އިތުރުކޮށް ގެނެސްފައިވާ މި އިސްލާހުގައިވާ ހާލަތްތަކުގެ ތެރެއިން އެއްވެސް ހާލަތެއް ކުރިމަތި ވެއްޖެނަމަ އެ މެމްބަރަކު މަޖިލީހުގެ މެމްބަރު ކަމުން ވަކި ވާނެ އެވެ.
Advertisement
އެގޮތުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެންބަރެއް އަމިއްލައަށް ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން މެންބަރުކަމުން ވަކިވާނެއެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު ވިޔަސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމުން މެންބަރުކަމުން ވަކިވާނެ ކަމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ.
ހަމައެއާއިއެކު، ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ހައިސިއްޔަތުން މަޖިލީހަށް އިންތިހާބުވެފައިވާނަމަ،  ޕާޓީގެ ނިންމުމާ ހިލާފަށް މަޖިލީހުގައި ނުވަތަ މަޖިލީހުގެ ކޮމިޓީގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އިންތިހާބުވި ދައުރުގެ ތެރޭގައި އެ މެންބަރަކު ޕާޓީން ވަކިކުރެވޭނެ ކަމަށެވެ. އެ ނޫން އެހެން ސަބަބަކަށްޓަކައި ޕާޓީގެ މެމްބަރުކަމުން ވަކި ކުރާ ހާލަތުގައި އޭނާ އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަޣުލަބިއްޔަތުން އޭނާ އެ މަޤާމުން ވަކިކުރުމަށް ނިންމުމުންވެސް މެންބަރުކަމުން ވަކިވާނެ ވެސް އެ އިސްލާހުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް، ހަސަން ލަތީފް ހުށައެޅުއްވި މި އިސްލާހުގައި މެންބަރަކު މަގާމުން ވަކިކުރުމަށް، އެ މެންބަރަކު އިންތިހާބުވެފައިވާ ދާއިރާއަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއިން ދިރާސާކޮށް، އެ މެންބަރަކު މަގާމުން ވަކިކުރުމަށް އެ ދާއިރާގެ ވޯޓު ލުމުގެ ހައްޤު ލިބިފައިވާ އާބާދީގެ މެދުގައި އާންމު ވޯޓެއް ނެގުމަށް ނިންމައި، އެ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރުމަށް ނިންމޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ