އައްޑޫ އާ އިންޖީނުގެ ގެއަކީ ކޮރަޕްޝަން: މުއާޒު

ކުރީގެ ސަރުކާރުގައި ފެނަކަ އިން އައްޑޫގައި އަޅަން ފެށި އާ އިންޖީނުގެ އަކީ ވެސް ކޮރަފްޝަން ކަމަށް ފެނަކައިގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއާޒު ރަޝީދު ވިދާޅުވެއްޖެ އެވެެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ މިއަދު ވިދާޅުވީ އެތަނަށް 76 މިލިއަން ރުފިޔާ ހަރަދުކުރި އިރު ވެސް އެތަން ހުރީ ނުނިމި ކަމަށެވެ. އަދި އައްޑު އަށް އަށް ދިމާވެފައިވާ ކަރަންޓު މައްސަލަތައް ހައްލު ނުވެގެން އުޅެނީ މިފަދަ ސަބަބުތަކާ ހެދި ކަމަށް ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދެމުން އަންނަ މަރުކަޒީ އިންޖީނުގޭގެ ގޯތި ތެރޭގައި 2022 ގައި އިމާރާތް ކުރަން ފެށި އާ އިންޖީނުގެއަކީ މާކެޓް ރޭޓުން ބަލާ ނަމަ 44 މިލިއަން ރުފިޔާ އަށް ނިންމޭނެ ތަނެއް ކަމަށެވެ. ނަމަވެސް އެ ތަނަށް 76 މިލިއަން ރުފިޔާ ޚަރަދުކުރި އިރު ވެސް ހުރީ ނުނިމި ކަމަށް ވިދާޅުވި އެވެ.
"މިއީ ނާޖާއީޒުކޮށް އެތައް މިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވުން." މުއާޒު ވިދާޅުވި އެެވެ.
އޭނަގެ މި ވާހަކައިގެ ރައްދުގައި އައްޑޫ މޭޔަރު އަލީ ނިޒާރު ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައްކަން ޖެހޭ ވާހަކަ މުއާޒު ނުދައްކަވައި ކަރަންޓްގެ މައްސަލަ ހައްލުކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.
"މަނިކުފާނާ ހަވާލުވީ [ފެނަކަ] ހިިންގަވަން. ފެނަކަ އޮޑިޓް ކުރާކަށް ނޫން. އައްޑޫގައި އަޅަން ފަށާފައިވާ ޕަވަހައުސް ނިންމަވައި ޖަނެރޭޓަރު ގެންނަވާ،" އޭނަ ވިދާޅުވި އެވެ. "[އެކަން ކުރަން] ފައިސާ ހޯދަން އެނގެން ވާނެ. ސަރުކާރުން ފައިސާ ލިބޭނެ."
ރޭ އައްޑޫ ރައްޔިތުންނަށް ރައީސްގެ ދެކަނބަލުން ދެއްވި މާހެފުމުގެ ތެރެއިން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކަރަންޓުގެ މައްސަލައަކީ މީގެކުރިން އައްޑޫ އަށް އަންނަ ކޮންމެ ފަހަރަކު ވެސް ހުށަހަޅާ މައްސަލައެއް ކަމަށާއި އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ފެނަކަ އިން މިހާރު ފަށާފައިވާ ކަމަށެވެ.
ފެނަކަ އިން ކުރިން ބުނެފައިވާ ގޮތުގައި 48 މެގަވޮޓްގެ ކަރަންޓް އުފައްދާނެ އާ އިންޖީނުގެއަކީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ތަނެކެވެ. އަދި އެއީ މުޅި އައްޑޫގެ ކަަރަންޓް ނެޓްވޯކް ގުޅައިލަދޭނެ ތަނެއް ކަމަށް ބުނެފައިވެ އެވެ.
އައްޑޫގެ ކަރަންޓް ހާލަތު ރަނގަޅު ކުރަން ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ވަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް މި އަހަރުގެ އެޕްރީލް 18 ގައި ހަވާލުކުރީ ވަނީ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކްއާ އެވެ. އެ ކުންފުންޏާ ހަވާލުކުރީ 32 މެގަވޮޓްގެ ޕަވާ ޕްލާންޓަކާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށެވެ.
މި މަޝްރޫ އަކީ ޑޮންފަންގް އިލެކްޓްރިކްއިން ފައިނޭންސްކުރާ މަޝްރޫއެކެވެ. އަދި ފެނަކައިން ފައިސާ ދައްކާ ނިންމަން ކަނޑައަޅާފައި ވަނީ 12 އަހަރެވެ. ފެނަކަ އިން ބުނީ މަޝްރޫއު ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، ފުރަތަމަ ފޭހުއި އިންސްޓޯލް ކުރާނީ 9.8 މެގަވޮޓްގެ ގެ ދެ ޖެނަރޭޓަރު ސެޓާއި 5.8 މެގަވޮޓްގެ ގެ ދެ ޖެން ސެޓް ކަމަށެވެ.
އެ މަޝްރޫއާ ގުޅޭ ގޮތުން މުއާޒު ވިދާޅުވެފައި ވަނީ ޕަވަންޓް ތަރައްގީ ކުރާނީ ޒަމާނީ ވަސީލަތްތަކާ އެކީގައި ކަމަށެވެ. އެގޮތުން މި މަޝްރޫއު ނިމުމުން އައްޑު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 20-25 އަހަރަށް ހައްލުވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ