އޭދަފުށި ފުޓްސަލް ކަޕް: ޗެމްޕިއަން އެފްރޯ، ވެލާ އަދި ޔުނައިޓެޑް ވީ ކުއާޓާއަށް

ބ. އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން އެ ރަށުގައި ބާއްވާ "އުރީދޫ އޭދަފުށި ފުޓްސަލް ކަޕް 2024" ގެ ކުއާޓާ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން އެފްރޯ ސްޕޯޓްސް ކުލަބާއި، ވެލާ ސްޕޯޓްސް ކުލަބު އަދި ޔުނައިޓެޑް ވީ ދަތުރުކޮށްފިއެވެ.
މި ފަހަރުގެ މުބާރާތުގައި 16 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އާއި ދެވަނަ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހެވެ.
އޭދަފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް ބީގައި މިރޭ ކުޅުނު މެޗުން އެފްރޯ މޮޅުވީ އެފްސީ މާލިންސް އަތުން 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެފްރޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި އަލީ ނަސީމާއި، އިޝާން އިބްރާހީމް (ސައްޓު) އަދި އަލީ މާއިސް (މައްޓު) އެވެ.
މި މޮޅާއެކު މުބާރާތުގެ ކުއާޓާ ފައިނަލަށް އެފްރޯ ދަތުރުކުރިއިރު، މި ގްރޫޕުން ސީސީ ސްޕޯޓްސް ކުލަބުވެސް ވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ. މި ވަގުތު ގްރޫޕުގެ އެއްވަނައިގައި އޮތް އެފްރޯއަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، އެފްރޯއަށް ދެ މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.
ކުއާޓާ ފައިނަލުގެ ޖާގައެއް ދެން ކަށަވަރުކުރި ވެލާއިން ވަނީ ގްރޫޕް ޑީގައި މިރޭ ކުޅުނު މެޗުން އެފްސީ ދުންތަރި އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ވެލާގެ ލަނޑުތައް ޖަހައިދިނީ ހައްފާފް ސިދުގީ އާއި ހުސައިން ސުހައިލެވެ. އަދި އެ ޓީމުގެ އަނެއް ލަނޑަކީ ދުންތަރި ޓީމުގެ ކެޕްޓަން ޝާފިއު މުޙައްމަދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި ދުންތަރި ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު ޝިފާނެވެ.
މީގެ އިތުރުން ޔުނައިޓެޑް ވީން ކުއާޓާގެ ޖާގައެއް ހޯދީ މިރޭ ކުޅުނު ގްރޫޕް އޭގެ މެޗުގައި ނަލަ ބްރަދާސް އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗާ ކުރިމަތިލިއިރުވެސް ނަލަ ބްރަދާސްއަށް ކުއާޓާގެ ޖާގައެއް ކަށަވަރުވެފައިވާއިރު، މެޗުން ބަލިވުމުން އެ ޓީމަށް ލިބުނީ މި ގްރޫޕުގެ ދެވަނައެވެ. އަދި މިރޭގެ މޮޅާއެކު ޔުނައިޓެޑް ވީން ވަނީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކޮށްފައެވެ.
ނަލަ ބްރަދާސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑް ވީގެ ހަތަރު ލަނޑުވެސް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނިޝާމް މުޙައްމަދު ރަޝީދެވެ. އަދި ނަލަ ބްރަދާސްގެ ހަމައެކަނި ލަނޑު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ.
މީގެ އިތުރުން މި މުބާރާތުގައި މިރޭ ކުޅުނު ފުރަތަމަ މެޗުން ގްރޫޕް ސީގައި ހިމެނޭ ވީ ވެލާއިން ވަނީ ކޭބަލް ބްރަދާސް އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ވީ ވެލާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި ޓީމުގެ ކެޕްޓަން މުޙައްމަދު އަލޫފް ރިފާއު އާއި، އަލީ އިފްޒާލް ސޯދިގު އަދި މުޙައްމަދު އަނޫފް ނާޝިދެވެ. އަދި ކޭބަލް ބްރަދާސްއިން މި މެޗުގައި ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ މުޙައްމަދު ހިޝާން އަބްދުލް ރައްޒާގާއި މުޙައްމަދު މަދީނެވެ.
އޭދަފުށި ފުޓްސަލް ކަޕުގެ ގްރޫޕް ސްޓޭޖް ފަހު މެޗުތައް މާދަމާ ކުޅެވިގެންދާނެއެވެ. އެގޮތުން މާދަމާ ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ގްރޫޕް ސީން ކޭބަލް ބްރަދާސް އާއި މުރިންގް އެފްސީ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ގްރޫޕް ޑީގައި ހިމެނޭ ވެލާ ސްޕޯޓްސް ކުލަބު ނުކުންނާނީ އޯލް ވުލްވްސްއާ ދެކޮޅަށެވެ.
އަދި މާދަމާރޭ ކުޅޭ ފުރަތަމަ މެޗުގައި ގްރޫޕް އޭއިން ކީވަން އެފްސީ އާއި ބީކޭ ސްޕޯޓްސް ކުލަބު ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ގްރޫޕް ބީގައި ހިމެނޭ އެފްސީ ސަޑަންލީ ނުކުންނާނީ ސީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި ގްރޫޕް ސީން ވީ ވެލާ އާއި އެއިޓީފޯ އެފްސީ ބައްދަލުކުރާއިރު، ފަހު މެޗުގައި ގްރޫޕް ޑީގައި ހިމެނޭ އެފްސީ ދުންތަރި ނުކުންނާނީ ފްރެންޑްސްއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ