ނައިފަރުން ކަރަންޓު ކެނޑުން އާންމު ކަމަކަށް ވެއްޖެ

ޅ. ނައިފަރުން ކަރަންޓު ކެނޑޭ މައްސަލަ އަށް ދާއިމީ ހައްލެއް ނުލިބި ގިނަ ދުވަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން އެ ރަށު ކައުންސިލުން ފާޅުކޮށްފި އެވެ.
ނައިފަރު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ނައިފަރުގައި މިވަގުތު ބޮޑު އާބާދީއެއް އޮތްއިރު، ނައިފަރުގައި ކަރަންޓްގެ ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ ވަސީލަތްތަކަކީ ނައިފަރުގެ އާބާދީ އަށް އެކަށީގެންވާ މިންވަރަށް ހިދުމަތް ދެވޭ ވަރުގެ ވަސީލަތްތަކެއް ނޫން ކަމަށެވެ. އަދި މިހާރު ހިދުމަތް ފޯރުކޮށްދެމުންދާ ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެއްޖެނަމަ މުޅި ރަށުން ކަރަންޓް ކެނޑިގެންދާ ދިޔުން މިހާރު އާންމު ކަމަކަށް ވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
މި މައްސަލަ އަށް ދާއިމީ ހައްލެއް ގެނެސްފައި ނުވުމުން ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން މިހާރުވެސް ނައިފަރުން ކަރަންޓުގެ ހިދުމަތް ކެނޑެމުންދާ ކަމަށާއި އެގޮތުން ކަރަންޓުގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ ދެ ގަޑިން ދެ ގަޑިން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުން ކަމަށްވެސް ކައުންސިލުން ބުނެފައިވެ އެވެ.
މީގެ ސަބަބުން ގޭގައި ބޭނުންކުރާ އަގު ބޮޑެތި ކަރަންޓު ސާމާނަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބެމުންދާ ކަމުގެ ޝަކުވާ ލިބުން އިތުރުވެފައިވާ ކަމަށާއި މި މައްސަލަ އަށް ވަގުތީ ހައްލެއް އަދިވެސް ލިބިފައި ނުވާއިރު، މި މައްސަލަ ހައްލުކުރަން މާބޮޑު ސަމާލުކަމެއް ދޭތަން ނުފެންނަ ކަމަށްވެސް ކައުންސިލުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވާއިރު ކަރަންޓު ބޭނުންކުރާ ނިސްބަތް އިތުރުވާނެ ކަމަށާއި ނަމަވެސް ކަރަންޓު އިތުރުވާއިރު މެނޭޖުކޮށްލެވޭ ވަރުގެ ކެޕޭސިޓީއެއް ނެތްއިރު ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭ މިންވަރަށް ވަސީލަތްތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާތަން ނުފެންނަ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ