ދެމީހަކާއެކު ދޯންޏެއް ގެއްލިއްޖެ

‏މ. ރަތްމާދޫ ބޭރުން ފަރުމަސް ބާނަން ދިޔަ ފަރިހި 2 ނަމަކަށް ކިޔާ ޑައިވިން ދޯންޏެއް ހަބަރެއް ނުވެގެން އެމްއެންޑީއެފް ސެންޓުރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ތާޑް ސުކޮޑްރަން އިން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އިތުރު މައުލޫމާތެއް އެމްއެންޑީއެފް އިން ހިއްސާ ކޮށްފައި ނުވާ އިރު މިރޭ ފުލުހުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ‏އޭޕްރީލް 19، 2024 ވަނަ ދުވަހުގެ ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލިފައި ވާކަމުގެ މަޢުލޫމާތު 22:06 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެއާއެކު ފުލުހުން އާންމު ކުރި ފޮޓޯގައި ވަނީ ޕަޑި ޑައިވިން ދޯންޏެކެވެ. އެއީ އެމްއެންޑީއެފް އިން ބުނާ ދޯންޏާ އެއް ދޯންޏެއް ކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.
ފުލުހުން ބުނީ، މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު މ. އަތޮޅު ފުލުހުންގެ ލޯންޗު ދަނީ ދޯންޏާއި މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުން ކަމަށާއި މިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އާ ހިއްސާ ކޮށްފައިވާ ކަމަށެވެ.
މި ދޯނީގައި މަހަށް ގޮސްފައިވަނީ ދިވެހި ދެ ފިރިހެނުން ކަމަށްވެސް ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ