މިފްކޯއަށް މިދިޔަ މަހު 11.3 މިލިއަން ރުފިޔާގެ މަސް ކިރުވި

ދައުލަތުގެ މަސް ކުންފުނި މިފްކޯއަށް މިދިޔަ މަހު 11.3 މިލިއަން ރުފިޔާގެ މަސް ކިރުވި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 
މިފްކޯ އިން މިއަދު އާންމުކުރި، މަސްދޯނިފަހަރުން މިދިޔަ މަހު އެ ކުންފުންޏަށް ކިރުވި މަހުގެ ރިޕޯޓުގައި ބުނީ 517 ދޯންޏަކުން 568 ޓަނުގެ މަސް ކިރުވާފައިވާ ކަމަށެވެ. އެ މަހުގެ އަގަށް 11.3 މިލިއަން ރުފިޔާ އަރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. 
މަސްވެރިކަން ދަށްވުމާއި މަހަށް ދޭ އަގު ރަނގަޅު ކުރުމުގެ ގޮތުން މިފްކޯއަށް މަސްކިލޯއެއް ގަންނަ އެންމެ ދަށް އަގު 20ރ. އަށް މިދިޔަ މަހު ވަނީ ބޮޑުކޮށްފަ އެވެ. 
މިފްކޯއަށް މަަސް ގަންނަ ރޭޓު، ކިލޯއަކަށް 20ރ. އަށް ވުރެ ދަށް ނުކޮށް ހިފެހެއްޓޭނެ ގޮތްތަކެއް ރޭވޭނެ ކަމަށާއި އެއީ އަމާޒު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.  
 ރައީސް ވިދާޅުވެފައި ވަނީ މަހަށް ހަމަ އަގު ހޯދައިދޭން ސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ މާކެޓް ރޭޓާ އެއްވަރަށް އަގު ފްލޯޓްކޮށްލުން ކަމަށާއި އޭގެ ނަތީޖާ ރަނގަޅު ކަމަށެވެ. އަގު ފްލޯޓް ކޮށްލި އިރު މަސްކިލޯއެއް 16ރ. އަށް ހުރި ނަމަވެސް މިހާރު އެ އަގު 20.ރ އަށް މަތިކޮށްފައި ވާތީ، އެ ރޭޓްގައި ހިފަހައްޓަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 
މިފްކޯއިން މިހާރު އަންނަނީ އެ ކުންފުންޏަށް މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ވެސް ދޫކުރަމުންނެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ