ތައިލެންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވެޓެރަންސް ބީޗްބޯލް މުބާރާތުގައި ބައިވެރިވުމަށް، ދިވެހި ޓީމުން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް، ދިވެހި ވޮލީބޯލް ވެޓެރަންސް އެސޯސިއޭޝަން (ޑީވީއޭއެމް)ން ބުނެފިއެވެ.
މި މުބާރާތާ ބެހޭގޮތުން "ޕީއެސްއެމް ނިއުސް"އާ ވާހަކަދައްކަވަމުން އެސޯސިއޭޝަންގެ ރައީސް އިބްރާހީމް ރަޝީދު ވިދާޅުވީ، މުބާރާތުގައި ދިވެހި ޓީމުތަކުން 4×4 ފޯމެޓުގެ އިތުރުން 2×2 ފޯމެޓުގައި ބައިވެރިވާނެ ކަމަށެވެ. ޓީމުގައި ތިބި ކުޅުންތެރިންގެ ތަޖުރިބާއަށް ބަލާއިރު، މުބާރާތުގައި ރާއްޖެއަށް ކާމިޔާބު ލިބޭނެކަމުގެ އުންމީދު އެބައޮތްކަމަށް އެސޯސިއޭޝަންގެ ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް މި މުބާރާތާމެދުގައި، އަޅުގަނޑުމެންނަށް ކާމިޔާބުލިބޭނެކަމަށް. އަޅުގަނޑުމެންގެ ޓީމުތައް ފުދޭވަރަކަށް ރަނގަޅުވުމާއި އަދި ކުޅުންތެރިންގެ އެކްޕީރިއަންސް ހުރުމާ.. އަޅުގަނޑުމެންގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މިމުބާރާތުން ރަނގަޅު ކާމިޔާބެއް ލިބޭނެކަމުގެ." އެސޯސިއޭޝަންގެ ރައީސް، އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
އެސޯސިއޭޝަންގެ ރައީސްގެ އިތުރުން ޓީމުގެ ބައެއް ކުޅުންތެރިންވެސް، މުބާރާތާމެދު ދެކޭގޮތް "ޕީއެސްއެމް ނިއުސް"އާ ހިއްސާކޮށްފައިވެއެވެ. އެގޮތުން، މި މުބާރާތަށްދާ ރާއްޖެ ޓީމުގައި ހިމެނޭ ކުޅުންތެރިއެއްކަމަށްވާ އަޙްމަދު ނިޒާމް (ޒޯރޯ) ވަނީ، ވޮލީން ރިޓަޔަރކޮށްފައި ތިބި ކުޅުންތެރިންތަކެއް އަލުން ނުކުމެ މިމުބާރާތަށް ޓީމު ކުރިމަތިލާފައި މިވަނީ މަހެއްހައި ދުވަހުގެ ބުރަ މަސައްކަތަށްފަހުކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން، ޑީވީއޭއެމްގެ ފަރާތުން ކޮންމެ އަހަރަކުވެސް މިފަދަ އެއް މުބާރާތުގައި ބައިވެރިވާން މަސައްކަތްކުރާކަން ނިޒާމް ފާހަގަކުރިއެވެ.
"އެސޯސިއޭޝަންގެ ފަރާތުން އަހަރަކު އެއްފަހަރު އަޅުގަނޑުމެން މިކަހަލަ މުބާރާތްތަކަށް ދަން. ދެން މިފަހަރު (ތައިލެންޑުގައި) އޮންނަ އިންޓަރނޭޝަނަލް މުބާރާތެއް މިއީ. އަޅުގަނޑުމެން މިހާރު މަހެއްހައި ދުވަސް މިވަނީ މިކަމަށް ތައްޔާރުވާތާ... މިހާރު ވެޓެރަންސް މުބާރާތަކަށް ދާން މިދަނީ. އެހެންވީމަ މަހެއްހައި ދުވަހު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ތައްޔާރުވެވިއްޖެ.." ނިޒާމް ބުންޏެވެ.
ނިޒާމްގެ އިތުރުން، ޓީމުގައި ހިމެނޭ ކުޅުންތެރިއެއް ކަމަށްވާ ޢައިޝަތު ރޯޒާ (ރޯޒް) ވަނީ، މުބާރާތާމެދު ވަރަށް ބޮޑު އުންމީދެއް އޮތްކަން ހާމަކޮށް، މުބާރާތުން މޮޅުވެގެން އައުން އެއީ ހުރިހާ ކުޅުންތެރިންގެވެސް އުންމީދު ކަމަށް ބުނެފައެވެ. ރޯޒް ބުނީ، ރާއްޖެ ބައިވެރިވާ ކޮންމެ އިވެންޓަކުންވެސް މެޑައްޔެއް ނުވަތަ ތަށި ހޯދުމަކީ އުންމީދެއް ކަމަށެވެ.
"އުންމީދަކީ ހުރިހާ އެންމެންވެސް މޮޅުވެގެން އަންނަން. އެބަކުޅޭ 4، ޕެއާ، މިކްސް ކަޕްލްސް. މިއިން ކޮންމެ އެއްޗަކީވެސް ނަމުގަ ވެއްޖެއްޔާ ރާއްޖެ ތަމްސީލުކުރުމުގެ ގޮތުން މެޑަލް އޯ ތަށި ހިފައިގެން އަންނަން." ރޯޒާ ބުންޏެވެ.
ޑީވީއޭއެމް އަކީ، ރާއްޖޭގައި ޕްރޮފެޝަނަލްކޮށް ވޮލީ ކުޅެ، ކުޅުން ހުއްޓާލާފައިތިބި ކުޅުންތެރިންތަކެއް ހިމެނޭ އެސޯސިއޭޝަނެކެވެ.
ވެޓެރަންސް ބީޗް ވޮލީ މުބާރާތަށް ދިވެހި ޓީމު ތައްޔާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ