ރޭގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕިއެސްޖީއަށް މޮޅުވެވުނު އާސެނަލްގެ ފަސް ވަނަ ޕެނެލްޓީ ޖަހަން ދިފާއީ ކުޅުންތެރިޔާ ގެބްރިއެލް މަގަޅޭސް ދިޔައީ އޭނާގެ އަމިއްލަ އިހުތިޔާރުގަ އެވެ. އެއީ އޭނާ ބޭނުންވި ޕެނެލްޓީ އެވެ. ނަމަވެސް އެ ބޯޅަ ފޮނުވާލީ ދަނޑި މަތިން ބޭރަށެވެ.
ޗެމްޕިއަންސް ލީގުގެ ތަށި ފުރަތަމަ ފަހަރަށް ހޯދަން އާސެނަލް ކުރަމުން އަންނަ މަސައްކަތް މި ސީޒަންގައި ނާކާމިޔާބުވީ އެހާ ހިސާބުންނެވެ. ޕެނެލްޓީން ޕީއެސްޖީ މޮޅުވީ 4-3 އިންނެވެ. ޕެނެލްޓީއާ ހަމައަށް ދިޔައީ ފައިނަލް މެޗު 1-1 އިން އެއްވަރުވުމުންނެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ގެބްރިއެލް ބޭނުންވީ ވެސް ފަސް ވަނަ ޕެނެލްޓީ ޖަހަން ކަމަށެވެ. އޭނާއަށް މުޅި ޓީމު އިތުބާރުކުރި އެވެ. ސަބަބަކީ ފަރިތަކުރުންތަކުގައި އެންމެ ޕެނެލްޓީއެއް ވެސް ބޭރަށް ނުވަތަ ކީޕަރުގެ އަތަށް ޖަހާފައި ނުވާތީ އެވެ.
"އަހަރެމެން އެކަމަށް ތައްޔާރުވިން. ފަރިތަކުރިން. އެހުރިހާ ޕްރެކްޓިސްއެއްގައި ވެސް ގެބްރިއެލްގެ ޕެނެލްޓީ ނާކާމިޔާބެއް ނުވޭ،" މި ސީޒަންގެ ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން އާސެނަލްއަށް ހޯދައިދިން އާޓެޓާ ބުންޏެވެ.
މިއީ މެޗެއްގައި އާސެނަލްއަށް ޕެނެލްޓީއެއް ޖަހަން ވެސް ގެބްރިއެލް ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ. އެހާ ތާރީހީ މެޗެއްގައި އެ ޕެނެލްޓީ ނާކާމިޔާބުވުމުން އޭނާ ހުރީ ވަރަށް ދެރަވެ، ހިތާމައިގަ އެވެ. ނަމަވެސް މުޅި ޓީމު އޮތީ އޭނާގެ ފަހަތުގަ އެވެ.
މިޑްފީލްޑަރު ޑެކްލަން ރައިސް ބުނީ ކޮންމެ ކުޅުންތެރިޔަކަށް ވެސް ޕެނެލްޓީއެއް ނާކާމިޔާބު ވެދާނެ ކަމަށެވެ.
ގެބްރިއެލްގެ ކުރިން އެބްރެޗީ އެޒޭ ޖެހި ޕެނެލްޓީ ވެސް ދިޔައީ ބޭރަށެވެ. ނަމަވެސް ކީޕަރު ޑޭވިޑް ރާޔާ ވަނީ އޭގެ ބަދަލުގައި ޕީއެސްޖީގެ ނޫނޯ މެންޑޭޒްގެ ޕެނެލްޓީ މަތަކޮށް އާސެނަލްއަށް ދިރުން ގެނެސްދީފަ އެވެ.
ރައިސް ބުނިގޮތުގައި ގެބްރިއެލް އާއި އެޒޭއަކީ މުޅި ސީޒަންގައި އާސެނަލްގެ ވަރަށް މުހިންމު ދެ ކުޅުންތެރިންނެވެ.
"އެ ދެ ކުޅުންތެރިން ނެތް ނަމަ އަހަރެމެންނަށް ޕްރިމިއަ ލީގު ކާމިޔާބު ނުކުރެވުނީސް، އެކަން ހަމަ ޔަގީން،" ދެ ކުޅުންތެރިންގެ އަގުވަޒަންކުރަމުން ރައިސް ބުންޏެވެ.
"މިއީ ފުޓްބޯޅަ. ފުޓްބޯޅަައިގައި މިކަހަލަ ހިތްދަތި ކަންކަން ދިމާވާނެ. އަހަރެމެންނަށް އޮތީ ވިސްނުން ރަނގަޅުކޮށް ކުރިއަށް ދިއުން."
ގެބްރިއެލް ބޭނުންވީ ފަސްވަނަ ޕެނެލްޓީ ޖަހަން، ޕްރެކްޓިހުގައި 100
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ