ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ސ ހިތަދޫ ބާޒީގެ ހުސައިން ޝަހީދު އައްޔަނު ކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން އެގޮތަށް ފާސްކޮށްފައިވަނީ ބުދަ ދުވަހު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެން މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ ވޯޓާއެކުއެވެ. ޝަހީދު މިހާރު ހުންނެވީ ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމުގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ހުސްވެފައިވަނީ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެގޮތުން ސުއޫދު މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ ސުއޫދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޯޓުގެ 3 ފަނޑިޔާރެއްގެ ޖިނާއީ މައްސަލަތަކަކާއި ސުލޫކީ މައްސަލަތަކެއް ތަހުގީގުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ސުއޫދު އިސްތިއުފާ ދެއްވުމުން އެ މަޤާމަށް ފަނޑިޔާރަކު ހޮއްވެވުމަށް ޖޭއެސްސީން ދެފަހަރެއްގެ މަތިން އިއުލާނުކުރިއެވެ. އެގޮތުން އިއުލާނުގެ ސުންގަޑި ހަމަވިއިރު ކުރިމަތިލެއްވީ ޝަހީދުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ޤާނޫނީ ވަކީލު ރުސްދުﷲ އެވެ.
އޭގެ ތެރެއިން ރައީސް މަޖިލީހަށް ފޮނުއްވެވީ ޝަހީދުގެ ނަންފުޅެވެ. އެގޮތުން އަންގާރަ ދުވަހުގެ ޖަލްސާގައި އެކަމާ ގުޅޭގޮތުން ދިރާސާކޮށް ގޮތެއް ނިންމުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމުން ކޮމިޓީން ނިންމީ ޝަހީދު އައްޔަނުކުރުމަށް ފެންނަކަމަށެވެ.
އެހެންކަމުން ބުދަ ދުވަހުގެ ޖަލްސާގައި ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓަށް ބަހުސްކޮށް، ވޯޓަށް އަހައި 64 މެމްބަރުންގެ ވޯޓުން ޝަހީދު އެ މަޤާމަށް އައްޔަނުކުރުމަށް މަޖިލީހުން މިވަނީ ފާސްކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ