މެއި މަހު ޕީޖީ އޮފީހުން 263 މައްސަލައެއް ކޯޓަށް: 143 އާ މައްސަލަ ބަލައިގަތް

މެއި މަހުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން 263 ޖިނާއީ މައްސަލައެއް ކޯޓުތަކަށް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.
ޕީޖީ އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މެއި މަހުގެ ނިޔަލަށް އެ އޮފީހުގެ ދައުލަތުގެ ވަކީލުން ވަނީ ޖުމްލަ 1,150 އަޑުއެހުމަކަށް ހާޒިރުވެފައެވެ. މިއީ އޭޕްރީލް މަހާ އަޅާބަލާއިރު ދަށް އަދަދެކެވެ. އޭޕްރީލް މަހުގެ ތެރޭގައި އެ އޮފީހުގެ ވަކީލުން ވަނީ ޖުމްލަ 2,710 އަޑުއެހުމަކަށް ހާޒިރުވެފައެވެ.
މެއި މަހުގެ ތެރޭގައި އަލަށް 143 މައްސަލައެއް ބަލައިގަނެފައިވާއިރު، އެކި މައްސަލަތަކުގައި ތަހުގީގީ އިދާރާތަކަށް 447 ފަހަރެއްގެ މަތިން ގާނޫނީ ލަފާދީފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.
އޭޕްރީލް މަހުގެ ހިސާބުތަކަށް ބަލާއިރު، އެ މަހު 190 މައްސަލަ ބަލައިގަނެ، ތަހުގީގީ އިދާރާތަކަށް 552 ފަހަރު ލަފާދީފައިވެއެވެ. އަދި އޭޕްރީލް މަހު ކޯޓުތަކަށް ހުށަހަޅާފައިވަނީ 232 ދައުވާއެވެ. އެހެންކަމުން އޭޕްރީލް މަހާ އަޅާބަލާއިރު، މެއި މަހު ކޯޓަށް ހުށަހެޅި ދައުވާގެ އަދަދު ވަނީ އިތުރުވެފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަކީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ދައުލަތުގެ ފަރާތުން ޖިނާއީ ދައުވާތައް އުފުލުމާއި، ތަހުގީގީ އިދާރާތަކަށް ގާނޫނީ އިރުޝާދު ދިނުމުގެ އެންމެ އިސް މުއައްސަސާއެވެ.
ޕީޖީ އޮފީހުން އަންނަނީ ކޮންމެ މަހަކުވެސް އެ އޮފީހުގެ މަސައްކަތްތަކާ ގުޅޭ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ