ޝާހިދު، ސަރުކާރަށް: މާޒީން ފެންނަން އޮތީ ވަޒީފާގެ ބިރަށް ލޯބި ނުހޯދޭނެކަން
ސިޔާސީ ގޮތުން ބާރުގެ ބޭނުންކޮށް، ވަޒީފާ ބަހައިގެންނާއި ވަޒީފާއިން ވަކިކޮށްގެން ރައްޔިތުންގެ ލޯބި ނުހޯދޭނެ ކަމަށާއި، އެއީ މާޒީން ފެންނަން އޮތް ހަގީގަތެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމްޑީޕީއަށް ތާއީދު ކުރާ ގިނަ ބަޔަކު ސަރުކާރު ކުންފުނިތަކުގެ ވަޒީފާތަކުން ވަކިކުރަމުން އަންނާތީ އެ ޕާޓީން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކްސްގައި ކުރެއްވި މި ޕޯސްޓުގައި ޝާހިދު ވިދާޅުވީ ސިޔާސީ ބޭނުމަށްޓަކައި ވަޒީފާތަކުން މުއައްޒަފުން ވަކިކޮށް އަނިޔާވެރިކަން އިސްކުރަމުންދާއިރު، އެއިން ކޮންމެ މުއައްޒަފަކާ ގުޅިފައިވާ އާއިލާއެއް އޮންނަކަން މި ސަރުކާރުގެ އިސްވެރިންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި ވަޒީފާގެ ބިރުވެރިކަން އުފެއްދުމަކީ ރައްޔިތުންގެ ތާއީދާއި ލޯބި ހޯދޭނެ ގޮތެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. https://x.com/abdulla_shahid/status/2068993141886361862?s=20 "އަނިޔާވެރިކަމުގެ ނަތީޖާ ހިތިވާނެކަން އަނިޔާވެރިވާ ފަރާތްތަކުން ދަންނަންޖެހޭނެ،" ޝާހިދު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އާއިލާތަކަށް ލިބޭ ދަތިތަކުގެ ފުރިހަމަ ޒިންމާ ސަރުކާރުން އުފުލަންޖެހޭނެ ކަމަށެވެ. މީގެ އިތުރުން، ސިޔާސީ މަގާމުތަކާއި ވަޒީފާތައް ބޭނުންކޮށްގެން ނުފޫޒު ފޯރުވުމަކީ މާޒީގައިވެސް ނާކާމިޔާބުވެފައިވާ ކަންކަން ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. ޝާހިދު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ކަމަށް ބުނެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ބިރުދައްކާކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އެގޮތުން އެމްޑީޕީން ބުނާ ގޮތުގައި ރައީސް މުއިއްޒުގެ މި ސަރުކާރުން މިހާތަނަށް 80 އަށް ވުރެ ގިނަ މުވައްޒަފުންނަށް ވަނީ އަނިޔާވެރިވެފައެވެ. ވަޒީފާއިން ވަކިކޮށް ނުވަތަ ސަސްޕެންޑް ކުރަމުންދާ މުވައްޒަފުންގެ ހައްގުގައި އެމްޑީޕީން ވަނީ މުޒާހަރާވެސް ކޮށްފައެވެ. އަދި މި އަނިޔާ ލިބިފައިވާ މުވައްޒަފުންގެ ހައްގުގައި އެމްޑީޕީގެ ލީގަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާތަނަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް 60 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާނެ ކަމަށް އެމްޑީޕީން މީގެ ކުރިން ވަނީ ބުނެފައިއެވެ. ނަމަވެސް މި ތުހުމަތުތައް މި ސަރުކާރުން ދޮގުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ