އީސީއަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރުގެ މަޤާމަށް ޙައްޖު ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ އިލެކްޝަންސް ކޮމިޝަނަށް އޭނާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ ދިރާސާކޮށް، ރުހުން ދޭން ފެންނަ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަޤާމު ހުސްވީ އެ ކޮމިޝަންގެ ރައީސްގެ މަޤާމުންނާއި މެންބަރުގެ މަޤާމުން މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެހެންވެ އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާން އާންމުކޮށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މުޙައްމަދު ޝަކީލް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވިއެވެ.
ޝަކީލް ވަނީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަޤާމު އަދާކުރައްވާފައެވެ. އެގޮތުން، 03 ޑިސެންބަރު 2014 އިން ފެށިގެން 09 މޭ 2018 އާ ހަމައަށް މެންބަރުކަން ކުރައްވާފައިވާއިރު 01 ސެޕްޓެންބަރު 2013އިން ފެށިގެން 03 ޑިސެންބަރު 2014އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ޝަކީލްވަނީ އަދާކުރައްވާފައެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މައުލޫމާތު ދެއްވަމުން ޝަކީލް ވަނީ ކުރިން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ މަޤާމުން އިސްތިއުފާ ދެއްވީ އޭރު މިނިވަންކަމާއެކު މަސްއޫލިއްޔަތު އަދާކުރެވޭނެ މާހައުލެއް އޮތްކަމަށް ގަބޫލުނުކުރެވުމުން ކަމަށެވެ. އެފަދަ މާހައުލެއް ކުރިމަތިވެއްޖެނަމަ ދެންވެސް އިސްތިއުފާ ދެއްވާނެ ކަމަށާއި މަސައްކަތް ކުރައްވާނީ މިނިވަންކަމާއުގައި ކަމަށް ވިދާޅުވިއެވެ.
އޭނާ ކޮމިޝަނުގެ މެންބަރަކަށް އައްޔަން ކުރައްވައިފިނަމަ މިނިވަންކަމާއެކު މަސައްކަތް ކުރައްވައި، ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ކަންބޮވޮޑުވުންތައް ހިއްސާކޮށް މަޝްވަރާކުރުމުގެ ފުރުސަތު ހޯދައިދެއްވަން މަސައްކަތް ކުރައްވާނެކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނަކީ 5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދާއި މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާއާއި ޢަބްދުލްޙަސީބް އިސްމާޢީލާއާއި އަލްއުސްތާޛް ރިފްޢަތު ޢަބްދުﷲއެވެ.
މިވަގުތު އެކޮމިޝަނުގެ ރައީސްގެ މަޤާމު އޮތީ ހުސްކޮށެވެ. ރައީސްގެ މަޤާމުގައި ހުންނަވާނީ ކޮމިޝަނުގެ މެންބަރުން ހަމަވުމުން އެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ