911އަށް ލިބޭ ފޯނު ކޯލްތަކަށް ރެސްޕޮންސް ޓައިމަކީ 2-5 ސިކުންތު: އަބްދުﷲ ރަޝީދު

އެމަޖެންސީ ނަންބަރު 911އަށް ދުވާލަކު އެވްރެޖްކޮށް 1،500 އެއްހާ ފޯނު ކޯލް ލިބޭއިރު، އެ ކޯލްތަކަށް ޖަވާބުދާރީވާ ވަގުތު ނުވަތަ ރެސްޕޮންސް ޓައިމަކީ 2 އާއި 5 ސިކުންތާ ދެމެދުގެ ވަގުތެއް ކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.
މާލެ، ވިލިމާލެ އަދި ތިލަފުއްޓަކީ ކުށްމަދު، އަމާން ރައްކާތެރި ތަނަކަށް ހެދުމަށް މާލެ ސިޓީ ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުﷲ ރަޝީދު ވިދާޅުވީ، ޕެޓްރޯލް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން 18،827 ޑިސްޕެޗް ކުރެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް 280،142 ސަރަހައްދެއް ބަލައި ފާސްކުރެވިފައިވާކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮމިއުނިޓީ އެންގޭޖްމަންޓް 11،905 އަށް އަރާފައިވާއިރު، އާންމު ރައްޔިތުންގެ ފަރާތުން ހުށަހެޅި 1،357 ކަންބޮޑުވުމަކަށް ފުލުހުން ވަނީ އެޓެންޑްވެފައެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ހިންގި 8 އޮޕަރޭޝަނެއްގައި، ގާތްގަނޑަކަށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދިފައިވާކަން ފާހަގަކުރެއްވިއެވެ.
ވައްކަމާއި ރިޕީޓް އޮފެންޑަރުންގެ މައްސަލަ
ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަބްދުﷲ ރަޝީދު ވިދާޅުވީ، އެންމެ ގިނައިން ހުށަހެޅެނީ ސައިކަލާއި މޯބައިލް ފޯނު އަދި އިލެކްޓްރޯނިކްސް ސާމާނު ވަގަށް ނަގައިގެން ހުށަހަޅާ މައްސަލަތައް ކަމަށެވެ. އަދި ގާތްގަނޑަކަށް ހުރިހާ ވައްކަމެއްގެ ފަހަތުގައި ވަނީ ތަކުރާރުކޮށް ކުށްކުރާ ފަރާތްތައް ކަމަށާއި، މިހާތަނަށް 1،000 އެއްހާ ރިޕީޓް އޮފެންޑަރުން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިތުރަށް ވިދާޅުވީ، މިފަދަ ފަރާތްތައް މުޖުތަމައާ އެކަހެރިކުރުމުން ވައްކަމުގެ މައްސަލަތައް މަދުވާ ކަމަށެވެ. އެހެންކަމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ކްރިމިނަލް ކޯޓާ ގުޅިގެން، މިފަދަ ފަރާތްތަކުގެ މައްސަލަތައް އަވަހަށް ޕްރޮސެކިއުޓްކޮށް ހުކުމް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ފްރަންޓްލައިން ޕޮލިސިންގ ހެޑްގެ ގޮތުގައި ހުންނެވި އަބްދުﷲ ރަޝީދު ވިދާޅުވީ، ފުލުހުންގެ މައިގަނޑު ތިން ދާއިރާ ކަމަށްވާ ރެސްޕޮންސް އެންޑް ޕެޓްރޯލިން، އިންވެސްޓިގޭޝަން އަދި ނެއިބަރހުޑް ޕޮލިސިންގ ގުޅިގެން 24 ގަޑިއިރު މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތުގައި ފުލުހުންގެ އެހެނިހެން ބަހާތަކުގެ އެހީތެރިކަންވެސް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ