ވޯލްޑް ކަޕާ ގުޅުވައިގެން ޕީއެސްއެމުން ބާއްވާ ޒުވާނުންނަށް ޚާއްޞަ ފިއެސްޓާ މިރޭ

ވޯލްޑް ކަޕާއި ގުޅުވައިގެން ޕީއެސްއެމްއިން ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ ފިއެސްޓާ މިރޭ އޮންނާނެއެވެ.
މި ހަރަކާތަކީ ވޯލްޑްކަޕްގެ ފޯރީގައި އާއްމުންނަށް ތަފާތު ގޮތަކަށް ބައިވެރިވުމަށް ރާވާ އިންތިޒާމް ކުރާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފިއެސްޓާ އެކެވެ.
"ވީއާ ޓުވެންޓީ ސިކްސް ފިއެސްޓާ" ފަށަނީ މި މަހުގެ 19ވާ ހުކުރު ދުވަހުގެ ރޭގަނޑެވެ. މި ފިއެސްޓާ ކުރިއަށްދާނީ ޓީވީއެމް ގޯތިތެރޭގައެވެ. ވޯލްޑްކަޕް ކުރިއަށް ދާ މުއްދަތުގައި، މި ފިއެސްޓާ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ހިލޭ ވަދެވޭ ގޮތަށް ކުރިއަށްގެންދާ ފިއެސްޓާއަށް އަންނަ މީހުންގެ ރެޖިސްޓްރޭޝަން ފިއެސްޓާ ބާއްވާ ރޭތަކުގައި 08:30 އިން ފެށިގެން ކުރިއަށް ދާނެއެވެ. އަދި ރެޖިސްޓަރ ކުރާ ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތުން ހޮވޭ ފަރާތްތަކަށް ޚާއްސަ ގިފްޓް ޕެކްތަކެއްވެސް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
މި ފިއެސްޓާ ކުރިއަށް ދާނީ ރޭގަނޑު 20:30 އިން 23:30 އަށް ކަމަށްވާއިރު، ފުރަތަމަ ފިއެސްޓާ މިރޭ އޮންނާނެއެވެ.
ކަރޯކޭއާއި އާމްރެސްލިންގެ އިތުރުން ފުޓް ސްޓޯލްތައް ހިމެނޭ ގޮތަށް ކުރިއަށްދާ މި ފިއެސްޓާގައި "ޓްރޮޕިކްސް" ބޭންޑުން ޕަރފޯރމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ބޭންޑަކީ ރާއްޖޭގައި ލައިވް މިއުޒިކް ޕަރފޯމްކުރާ ބޭންޑްތަކުގެ ތެރެއިން އެންމެ މަޤްބޫލް ބޭންޑުތަކުގެ ތެރޭގައި ގުނާލެވޭ ހުނަރުވެރި ބޭންޑެކެވެ.
ޕީއެސްއެމްއިން ދަނީ ވޯލްޑްކަޕްއާ ގުޅިގެން އާއްމުންނަށް ހުޅުވާލައިގެން ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ކުޑަކުދިންނަށް ޚާއްސަ ކާނިވަލްތަކެއް ބާއްވާފައިވެއެވެ. އެ ކާނިވަލްތައް ކުރިއަށް ދިޔައީ ކުޑަކުދިންގެ ގޭމްތަކާއި، ފުޑް ސްޓޯލްތައް ހިމެނޭގޮތަށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ