ރާއްޖެ – ޗައިނާ މެޗު މާދަމާ ހަވީރު

ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ބައްދަލުކުރާ މެޗަށް ދިވެހި ޓީމު ޗައިނާގައި ކޭމްޕްކޮށްފި އެވެ.
މާދަމާ ހަވީރު 4:35ގައި ފަށާ މެޗަށް ނުކުންނައިރު ރާއްޖެ މިވަގުތު އޮތީ ގްރޫޕް ސީގެ ހަތަރުވަނާގަ އެވެ. ރާއްޖެ އަށް ލިބިފައިވަނީ ޓޭބަލުގެ ފުލުގައިވާ ބޫޓާން ބަލިކޮށްގެން ލިބުނު ތޮން ޕޮއިންޓެވެ.
ކޯޗު ރިކީ ހާބަޓް މާދަމާގެ މެޗަށް ނެގި ސްކޮޑުން ވަނީ މުހިންމު ބައެއް ކުޅުންތެރިން ބާކީކޮށްފަ އެވެ. އެއީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާ ކެޕްޓަން އަކީ އަޝްފާގް (ދަގަނޑޭ) އާއި ވެލެންސިއާގެ މުހައްމަދު އާރިފް (ބަކާ) އާއި ހުސްވި ދެ އަހަރުގެ މޮޅު ކުޅުންތެރިޔާ މާޒިޔާގެ އަސަދުﷲ އަބުދުﷲ އެވެ. މީގެ ތެރެއިން އަސަދުﷲ ބާކީކުރީ އަނިޔާގެ ސަބަބުންނެވެ.
ޓީމާ އެންމެ ފަހުން ގުޅިފައިވާ އޮފިޝަލަކީ ފިޒީޝަން އަހުމަދު ޝަކީބެވެ.
ކޯޗު ރިކީ ހާބަޓް ބުނީ ޗައިނާ އަތުން މޮޅުވުމަކީ އުނދަގޫކަމެއް ކަމަށާއި މިހެންވެ އޭނާގެ ވިސްނުން ހުރީ ކުރިމަގަށް ޒުވާން ޓީމެއް ތައްޔާރުކުރަން މި މެޗުގެ ބޭނުން ހިފަން ކަމަށެވެ.
"އަހަރުމެންގެ ވިސްނުމަކީ ޓީމެއް ތައްޔާރުކުރުން. މި މެޗަކީ ވެސް ޓީމެއް ބިނާކުރަން ބޭނުންހިފޭނެ މެޗެއް. މެޗުން މޮޅުވާން ކުޅުމަށްވުރެ ޓީމަށް އެންމެ ފައިދާލިބޭނެ ގޮތަކަށް މަސައްކަތްކުރުން މިފަދަ މެޗުތަކުގެ ބޭނުމަކަށްވާނީ،" ކޯޗު ބުންޏެވެ.
ޗައިނާ އާއި ރާއްޖެ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅޭ ދެ މެޗު ވެސް ކުޅޭނީ ޗައިނާގަ އެވެ. މިގޮތަށް ހަމަޖެއްސީ މިދިޔަ އަހަރު ރާއްޖޭގައި ކުޅެން އޮތް މެޗު ޗައިނާ އަށް ބަދަލުކުރަންޖެހުމުންނެވެ. އެއީ މިނިވަން50ގެ ކުޅިވަރުތައް ބާއްވައިގެން ގަލޮޅު ދަނޑު ހަލާކުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ