މުއިއްޒު އަމިއްލަފުޅަށް ވެއްޓުން ވަރަށް ގާތް، ގާނޫނާ ހިލާފަށް ވެރިކަން ވައްޓައެއް ނުލާނަން: ނަޝީދު

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އެމްޑީޕީން ނޫޅޭ ކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަމިއްލަފުޅަށް ވެރިކަމުން ވެއްޓިވަޑައިގަތުމަކީ ވަރަށް ގާތް ކަމެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ މަގުމަތީގެ ހަރަކާތްތައް ހިންގާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ. އެހެންނަމަވެސް، ރައީސް މުއިއްޒުގެ ނިންމުންތަކާއި އަމަލުތައް ހުރިގޮތުން ވެރިކަން ދެމެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު މިހާރު ހުންނެވީ ސިޔާސީގޮތުން ވަރަށް ބޮޑަށް އެކަނިވެރިވެފައެވެ. ސަރުކާރު ހިންގުމުގައި ވަޒީރުންނާއި ޕާޓީގެ އިސް ބޭފުޅުންގެ މަޝްވަރާ ނުހޯއްދަވާ ކަމަށާއި، ކުރީގެ ރައީސް ޔާމީނާއި ގައްސާން މައުމޫނާ މެދު ކަންތައް ކުރެއްވި ގޮތުން ރައީސްގެ ބޭވަފާތެރިކަން ރައްޔިތުންނަށް ހާމަވެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ ކުރިއަށް ހުރި ހަރަކާތްތަކަށް އަލިއަޅުވާލައްވަމުން ނަޝީދު ވިދާޅުވީ، ޕާޓީ ވަރުގަދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯކްޝޮޕްތަކާއި ޖަލްސާތައް ބާއްވާނެ ކަމަށެވެ. އަދި މާދަމާ ރޭ ބާއްވާ "ވަޒީފާ ބުރާސްފަތި" އިހުތިޖާޖަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ބާއްވާ ސުލްހަވެރި ހަރަކާތެއް ކަމަށާއި، އެކަމަށް ސަރުކާރުން ހުރަސްނާޅާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މެދުގައި ސަރުކާރަށް އޮތް ތަރުހީބު ކުޑަވެފައިވާ މިންވަރު މަގުމަތީގެ ހަރަކާތްތަކުން ފެންނަމުންދާ ކަމަށާއި، ރައްޔިތުން މިހާރު ތިބީ ބޮޑު ބަދަލަކަށް ތައްޔާރުވެގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ