"ހޯދި ލަފައެއް ނެތް، ޑަބްލިއުއެޗްއޯ ދެކޮޅު، މި ކަން ނުކުރޭ"
ސިއްހީ ދާއިރާގައި އެތައް އަހަރެއްވީ ތަޖުރިބާކާރުން މިއަދު ތިއްބެވީ ހަދާނެ ގޮތެއް ނޭނގިފައެވެ. ގައުމުގެ މުސްތަގުބަލާ މެދު ކުރަމުން އައި އުއްމީދުތައް ފެނަށްވެ، މުޅި އުމުރު ދުވަހުގެ މަސައްކަތް ބޭކާރުވާ މަންޒަރު ބަލަން ތިބެން ޖެހުމުން އުފެދޭ މާޔޫސްކަމެއްގެ ތެރޭގައެވެ. ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން ނިންމި ނިންމުމާއެކުގައެވެ. މިއީ ސިއްހީ މާހިރުންގެ ބަހެއް، މަޝްވަރާއެއް، އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ރުހުމެއް ވެސް އޮތް ކަމެއް ނޫންކަން އެ ބޭފުޅުން އެބަ ފާހަގަކުރެއެވެ. "މިއީ ހަގީގަތުގައި ވަރަށް ބޮޑު ފަހަތަށް އެޅޭނެ ފިޔަވަޅެއް. އަޅުގަނޑުމެން މިތިބީ ސިހުމެއްގެ ތެރޭގައި. އެއްވެސް ބައެއްގެ ލަފައެއް ނެތި، ކުއްލިއަކަށް މިފަދަ ނިންމުމެއް ނިންމުމަކީ އާންމު ސިއްހަތަށް ދެވޭ ވަރަށް ބޮޑު ހަމަލާއެއް،" ނަން ނުޖެހުމަށް ޝަރުތުކޮށް 'ސަން'އާ ވާހަކަދެއްކެވި ސިއްހީ ދާއިރާގެ އިސް ތަޖުރިބާކާރަކު ވިދާޅުވިއެވެ. "ޑަބްލިއުއެޗްއޯ ވެސް ދެކޮޅު، ހޯދީ ކޮން ލަފައެއް؟" ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކެވި އެ ބޭފުޅާ ވިދާޅުވި ގޮތުގައި، ޑަބްލިއުއެޗްއޯއިން ވަނީ މި ނިންމުމަކީ ގޯހެއް ކަމަށާއި، އެ އިދާރާއިން މިކަމަށް ތާއީދު ނުކުރާކަން އެ ބޭފުޅުންނާ އެކު ދެކެވުނު ވާހަކަތަކުގެ ތެރޭ ހާމަކޮށްފައެވެ. ނަމަވެސް، އެ އިދާރާއިން ފާޅުގައި ބަޔާނެއް ނެރެ މިކަމާ ދެކޮޅު ނުހަދަނީ، ބައިނަލްއަގްވާމީ ޑިޕްލޮމެޓިކް އުސޫލުތައް ހުންނަ ގޮތުން ސަރުކާރުގެ ނިންމުންތަކަށް ފާޅުގައި ފާޑުކިޔައި ބަޔާންތައް ނެރެ ހެދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވާތީއެވެ. އެކަމަކު، ރަސްމީ ދާއިރާތަކުގައި އެ ބޭފުޅުން ތިއްބެވީ މިކަމާ ހިތްހަމަނުޖެހިފައެވެ. ރާއްޖޭގެ ސިއްހީ މާހިރުން ވެސް މިއަދު އުފައްދާ ސުވާލަކީ، މިފަދަ ބޮޑު ނިންމުމެއް ނިންމިއިރު ހޯދީ ކޮން ބައެއްގެ ލަފައެއްތޯއެވެ؟ ސިއްހީ ދާއިރާގައި ސިޔާސަތުތައް ކަނޑައަޅާ މީހުންނާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާއިރު، މިއީ ސިއްހީ ގޮތުން ބަލާއިރު އެއްވެސް އިލްމީ ބިންގަލެއްގެ މައްޗަށް ބިނާވެފައި އޮތް ނިންމުމެއް ނޫންކަން ސާފެވެ. ސިނގިރޭޓުތަކެއް ނައްތާލުން --- ސަން ފޮޓޯ/ މާނިއު މުހައްމަދު އާންމު ސިއްހަތަށް ގެއްލުން، ފައިދާ ވިޔަފާރިވެރިންނަށް! ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމުގެ ސީދާ ނަތީޖާއަކީ އަނެއްކާވެސް ހެޔޮ އަގުގައި ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް ބާޒާރުން ލިބެން ފެށުމެވެ. މީގެ ކުރިން ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ސިނގިރޭޓު ފޮއްޓެއްގެ އަގު 250 ރުފިޔާއަށް އުފުލުމުން، ގިނަ ބަޔަކަށް އެ ގަތުމަށް ދަތިވެ، ބައެއް މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލިއެވެ. ނަމަވެސް، އަގު ބޮޑުވުމުން ބައެއް މީހުން ބިޑި އޮޅައިގެން ބޯން ފެށީ އެއީ އަގުހެޔޮ ގޮތަކަށް ވާތީއެވެ. މިހާރު ވެސް ބިޑި އޮޅަން ބޭނުންވާ ދުންފަތް ބޮނޑި ފަދަ ތަކެތި އަގުހެޔޮކޮށް ހުރިއިރު، އަލުން ޑިއުޓީ ކުޑަކުރުމުން މި ތަކެތި އިތުރަށް އަގުހެޔޮވާނެއެވެ. މީގެ މާނައަކީ ސިނގިރޭޓު ބޯން ބޭނުންވާ މީހާއަށް އެކަން ކުރަން އިތުރަށް މަގުފަހިވެ، އާންމު ސިއްހަތު އިތުރު ނުރައްކަލަކަށް ހުށަހެޅުމެވެ. ސިއްހީ ދާއިރާގެ އެ ބޭފުޅާ ވިދާޅުވި ގޮތުގައި، މިއީ ދައުލަތަށް އާމްދަނީ ލިބޭނެ ކަމެއް ވެސް ނޫނެވެ. ޑިއުޓީ ކުޑަކުރުމުން ދައުލަތަށް ލިބޭ ފައިސާ މަދުވާނެއެވެ. "މިކަމުގެ ހަގީގީ ފައިދާ ލިބޭނީ ވިޔަފާރިވެރިންނަށް. އެ މީހުން ދައްކަންޖެހޭ ޑިއުޓީ ކުޑަވެ، ވިޔަފާރި ފުޅާވެ، ބޮޑު ފައިދާއެއް ހޯދޭނެ. ސުވާލަކީ އެއްވެސް މަޝްވަރާއެއް ނެތި މިހާ އަވަސް އަރުވާލައިގެން މިކަން މި ކުރަނީ ކޮން މަޖުބޫރު ކަމެއް އޮވެގެންތޯ؟" އޭނާ ސުވާލު އުފެއްދެވިއެވެ. "ފެނަށް މި ދަނީ މުޅި އުމުރު ދުވަހުގެ މަސައްކަތް" ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެތައް ބަޔަކު މިއަދު ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ. ކަންބޮޑުވުންތައް ހިއްސާކުރަން ބައްދަލުވުމަކަށް އެދި ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފައެވެ. އިއްޔެ މުޅި މަޖިލީހުގެ ކޮމިޓީން ޑިއުޓީ ކުޑަކުރަން ފާސްކުރީ ކަމާ ގުޅޭ އެއްވެސް ފަންނީ ބައެއްގެ ލަފައެއް ނުހޯދާ ކަމަށް އެ ބޭފުޅުން ތުހުމަތުކުރެއެވެ. އެންމެ ކުޑަމިނުން، ގާނޫނުން ޒިންމާ މަތިކޮށްފައި އޮންނަ 'ޓޮބޭކޯ ކޮންޓްރޯލް ބޯޑު' ގެ މަޝްވަރާއެއް ވެސް ހޯދާފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ އާންމު ސިއްހަތު ރައްކާތެރިކުރުމަށް މުޅި އުމުރު ހުސްކުރި މީހުންނަށް ލިބުނު ބޮޑު މާޔޫސްކަމެކެވެ. އެ މީހުންގެ ބުރަ މަސައްކަތުން ދުންފަތާ ދެކޮޅަށް ހޯދި ކާމިޔާބީތައް އެއްދުވަހުން އަނެއްދުވަހަށް ބީވެގެންދާ މަންޒަރު ފެނުމަކީ ކެތްކުރަން ދަތި ކަމެކެވެ. ސިނގިރޭޓު ކޭހެއް އޮއްސާލަނީ --- ސަން ފޮޓޯ/ މާނިއު މުހައްމަދު "ބާކީ އޮތީ ބިލު ތަސްދީގުކުރުން، އެދެނީ ނުކުރަން" މި ކަމުގައި މިހާރު ހުރިހާ މަރުހަލާއެއްހެން ވަނީ ނިމިފައެވެ. ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކޮށްފައިވާއިރު، ދެން ހުރިހާ ބާރެއް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަތްޕުޅުގައެވެ. ނަމަވެސް، މަޖިލީހުގެ ތެރެއިން މި ބިލު ކުރިއަށްދިޔަ އަވަސް މިނަށް ބަލާއިރު، މިއީ ސީދާ ސަރުކާރުގެ އިސް ސަފުން ބޭނުންވެގެން ކުރާ ކަމެއްކަން ދޭހަވާ ކަމަށް އެ ބޭފުޅާ ދެކެވަޑައިގަންނަވައެވެ. "އަޅުގަނޑުމެންގެ އާދޭހަކީ، މި ބިލު ތަސްދީގު ނުކުރެއްވުން. އިޚްލާސްތެރި ނިޔަތެއް އޮތް ނަމަ، މި ނިންމުން ތަސްދީގުކުރެއްވުމުގެ ކުރިން އިތުރު މަޝްވަރާއަށް މަޑުކުރައްވަން ޖެހޭނެ. މިއީ ދިވެހި ސިއްހީ ދާއިރާ އެތައް އަހަރެއް ފަހަތަށް ސޮއްސާލާނެ ނިންމުމެއް،" 'ސަން' އާ ވާހަކަދެއްކެވި އިސް ބޭފުޅާ ވިދާޅުވިއެވެ. 29 ޖޫން 2026: ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް ސަރުކާރުގެ ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް މި އިސްލާހު ހުށަހެޅީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ. މި ބިލު ބުދަ ދުވަހު ބަލައިގަނެ، ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމާއެކު، މާ ބޮޑު ބަހުސަކާ ނުލައި ކޮމިޓީން ވަނީ ބިލު ފާސްކުރަން ނިންމާފައެވެ. އެމްޑީޕީގެ ބައެއް މެންބަރުން ހިމެނޭހެން 69 މެންބަރުންގެ އިއްތިފާގުން ކޮމިޓީން މި ބިލު ފާސްކުރީ އެއްވެސް ފަންނީ މާހިރަކާ ބައްދަލުކުރުމެއް ނެތިއެވެ. ސަރުކާރުން ބުނާ ގޮތުގައި، މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް ބާރުއެޅުމާއި، ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ މިސްރާބަކަށް ބަދަލުކުރުމެވެ. ނަމަވެސް، ސިނގިރޭޓާއި ބިޑީގެ ޑިއުޓީ ހަތަރު ރުފިޔާއަށް ބަދަލުކޮށް، އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތައަށް ކަނޑައެޅުމަކީ، އަގު ހެޔޮވެ ދުންފަތް ބޭނުންކުރާ މީހުން އިތުރުވާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ނޮވެމްބަރު 2024 އިން ފެށިގެން ދުންފަތުގެ ޑިއުޓީ ބޮޑުކުރުމުން، ސިނގިރޭޓު ފޮއްޓެއްގެ އަގު 110 ރުފިޔާއިން 250 ރުފިޔާއަށް އުފުލި، ވިޔަފާރި ދަށްވި ކަމަށް ވިޔަފާރިވެރިން އޭރު ބުންޏެވެ. އެހެންކަމުން، މިހާރު ގެންނަ ބަދަލަކީ އެ ވިޔަފާރި އަލުން ކޮޅަށް ޖަހައި، ވިޔަފާރިވެރިންގެ ޖީބު ބޮޑުކުރުމަށް ފަހިކޮށްދޭ ފުރުސަތެއްގެ ގޮތުގައި ސިއްހީ ދާއިރާގެ މާހިރުން ސިފަކުރެއެވެ. އާންމު ސިއްހަތުގެ ރައްކާތެރިކަމަށް ޓަކައި މުޅި އުމުރު ހޭދަކުރި މީހުން މިއަދު ތިބީ ބަސްހުއްޓިފައެވެ. އެ މީހުންގެ އުންމީދަކީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ނުކުރައްވައި، އަލުން މުރާޖައާ ކުރެއްވުމެވެ. ނޫން ނަމަ، މިއީ ދިވެހި ގައުމުގެ ސިއްހީ މުސްތަގުބަލަށް އެޅޭ ވަރަށް ނުރައްކާތެރި ފިޔަވަޅަކަށް ވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ