މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކަނޑަށް ކުރާ އަސަރު ރާއްޖޭގެ އިގްތިސާދަށް ވެސް ފޯރާނެ: ރައީސް

ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު ދެ ދާއިރާ ކަމުގައިވާ މަސްވެރިކަމާއި ފަތުރުވެރިކަން ބިނާވެފައި ވަނީ ކަނޑުގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ކަނޑުތަކާއި ބެހޭ ދުވަހާއި ގުޅުވައި ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދުނިޔޭގެ ދުޅަހެޔޮކަން ފެށެނީ ކަނޑުތަކުގެ ދުޅަހެޔޮކަމުން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ކަނޑަކީ ހަމައެކަނި ވަސީލަތެއް ނޫންކަމަށެވެ.
ރައީސް ވިދާޅުވީ ދިރިއުޅުމުގެ މައިގަނޑު ބައެއްގެ ގޮތުގައި ކަނޑު ހިމެނޭކަމަށާއި މަސްވެރިކަމާއި، ފަތުރުވެރިކަމާއި އަދި އެހެނިހެން ގޮތްގޮތުން ދިވެހިންގެ އާމްދަނީ ލިބެނީ އޭގެ ސަބަބުން ކަމަށެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން މަހުގެ އާބާދީ ދަށްވެ، ދަތިތައް ދިމާވަމުން ދާކަމަށެވެ. އަދި ގޮނޑުދޮށްތައް ހަލާކުވެ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންދާކަން ފާހަގަކުރެއްވި އެވެ.
ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ފެން ހޫނުވެ، މަސްތައް އުޅޭ ސަރަހައްދުތަކަށް ބަދަލު އަންނަމުން ދާކަމުގައި ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ ގޮނޑުދޮށްތައް ގިރަމުންދާކަމަށާއި، ކަނޑުތައް ދެނެގަނެ ރައްކާތެރި ކުރުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު ދެ ދާއިރާކަމުގައިވާ މަސްވެރިކަމާއި، ފަތުރުވެރިކަން ބިނާވެފައި ވަނީ ކަނޑުގެ މައްޗަށް ކަމަށެވެ. އެހެންކަމުން މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކަނޑަށް ކުރާ އަސަރު ރާއްޖޭގެ އިގްތިސާދަށް ވެސް ފޯރާނެކަމުގައި ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ