ހަވީރު ނޫސް މައްސަލައިގައި ކުރި ހުކުމަށް ޔުނައިޓެޑް އޮޕޮޒިޝަނުން ފާޑުކިޔައިފި

ހަވީރު ނޫހުގައި ކުރިން މަސައްކަތް ކުރި ނޫސްވެރިންނަށް ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު އިއްވި ހުކުމް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ކުއްވެރިކޮށް، އެ ހުކުމަށް ފާޑުކިޔައިފި އެވެ. މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔުނައިޓެޑް އޮޕޮޒިޝަންގެ ސްޕޯކްސް ޕާސަން އަހުމަދު މަހުލޫފް ވިދާޅުވީ އެއީ ގާނޫނު އަސާސީއާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ. މަހުލޫފް ވިދާޅުވީ އެ ހުކުމް ކުރީ ސަރުކާރުގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކުގެ ޚަބަރު ހަވީރު ނޫހުގެ ކުރީގެ ނޫސްވެރިން ގުޅިގެން އުފައްދާފައިވާ އާ ނޫހުގައި ލިޔާތީ ކަމަށެވެ. ނަމަވެސް އެކަން ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. "މީޑިއާ ދެކެ ބިރުން ހަވީރުގެ ކުރީގެ ސްޓާފުން އުފައްދާފައިވާ މިހާރު ނޫސް އުވާލަން ކުރި ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. ގަދަބާރުން ހަންމުށި އަޅައިގެން އެއްވެސް ކަމެއް މިހާރަކު ނުހުއްޓުވޭނެ،" މަހުލޫފް ވިދާޅުވި އެވެ. އެ ހުކުމާ ގުޅިގެން އިދިކޮޅު އިއްތިހާދުން މިއަދު ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ކީރިތި ގުރުއާނުގެ އާޔަތްތަކާ ހާވާލާދީ މިއަދު ސިވިލް ކޯޓުން އިއްވި ހުކުމްގައި ވަނީ ހަވީރު ނޫހުގައި ކުރިން މަސައްކަތް ކުރި އެއްވެސް މުވައްޒަފަކަށް އެހެން އެއްވެސް މީޑިއާ އައުޓްލެޓެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށާާއި މަސައްކަތް ކުރާ ނަމަ ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީ އަށް ވަނީ ލާޒިމްކޮށްފަ އެވެ. އަދި އެ އަމުރުގެ ބާރު ހިނގާނީ ދެ އަހަރު ވަންދެން ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ