ތައުބާ ނުވާ މީހުންނަކީ އަނިޔާވެރިން: ހުތުބާ

ކުރިއަށްއޮތް ރަމަޟާން މަހައި އަޅުގަނޑުމެން ބައްދަލުކުރާއިރު އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ފުރިހަމަ ތައުބާއަކުން ތައުބާވުންކަމަށާއި ތައުބާނުވާ މީހުންނަކީ އަނިޔާވެރިންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ރަމަޟާން މަހަށް ތައްޔާރުވުން" މި މައުލޫއުގެ މައްޗަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައިބުނީ މުސްލިމުންނާއި ކުރިމަތިވަމުން މިއަންނަނީ ހެޔޮކަމާއި ދަރުމައާއި ބަރަކާތުން ފުރިގެންވާ މައްސަރެއްކަމަށެވެ. އެހެންކަމުން މި މައްސަރަށް އެކަށީގެންވާ އިސްތިގުބާލަކުން އިސްތިގުބާލު ކުރަންޖެހޭކަމަށާއި އަދާކުރެވޭނެ އެންމެ ފުރިހަމައަކަށް މެހެމާނުދާރީ އަދާކުރަންޖެހޭނެކަމަށްވެސް ހުތުބާގައި ބުންޏެވެ. އަދި މި ފަދަ މާތް މައްސަރަކަށް ތައްޔާރުވުމުގެ ކުރިން ހަޔާތުގައި ކުރެވެމުންދާ ފާފަތަކާއި ދުރުހެލިވެ ނަފްސު އިސްލާހުކުރުމަށްފަހު މި މައްސަރާއި ބައްދަލުކުރުމަކީ ފުރަތަމަ ކުރަންޖެހޭނެކަން ކަންތައްކަމުގައިވެސް ހުތުބާގައި ބުންޏެވެ.
ތައުބާ ނުވާ މީހުންނަކީ އަނިޔާވެރިންކަމަށާއި އެފަދައިން މާތް ﷲ އެބައިމީހުން ސިފަކުރައްވާފައިވަނީ ﷲއަށް އަދާކުރަންޖެހޭ ހައްގުތަކާއި އޭނާގެ ނަފްސުގެ އައިބުތަކާއި އަދި އޭނާގެ އަމަލުތަކާއިމެދު ގާފިލުވުމަށްވުރެ ވަކިން ބޮޑު އަނިޔާވެރިކަމެއް ނޯންނާނެތީކަމަށްވެސް ހުތުބާގައި ވިސްނައިދިނެވެ. ހުތުބާގައިވަނީ އީމާންކަމާއި ރަމަޟާންމަހުގެ ސަވާބާއި ދަރުމަ އެދޭ ހާލު އެމަހާއި ކުރިމަތިލުމަށް ގޮވާލާފައެވެ. މި މޭރުމުން ހުތުބާގައިވަނީ ރަމަޟާންމަސް ކައިރިވެގެން އަންނައިރު ކީރިތި ރަސޫލާ އެކަލޭގެފާނުންގެ ސަހާބީންނަށް އެމަހުގެ މާތްކަމާއި ބެހޭގޮތުން ދެއްވާ އިރުޝާދުތަކުގެ މައްޗަށްވެސް އަލި އަޅުވާލާފައެވެ.
ރޯދަޔަށް ތައްޔާރުވުމުގެ ގޮތުން ރޯދައިގެ ޝަރުއީ ހުކުމްތައް ދެނެގަންނަންޖެހޭކަމަށާއި އެކަން އެގޮތައްކުރަންޖެހެނީ ރޯދައިގެ އަޖުރު ހިސާބެއްނެތް މިންވަރަށް ހޯދުމަށްކަމަށްވެސް ހުތުބާގައި ގޮވާލިއެވެ. މިއަދުގެ ހުތުބާގައިވަނީ ރަމަޟާންމަހަކީ ވިޔަފާރީގެ ފައިދާ ހޯދުމުގެ މަހަކަށް ހެދުމުގެ ބަދަލުގައި މީސްތަކުންގެ އަތްފޯރާ ފަށަށް ތަކެތީގެ އަގުތައް ފޯރުކޮށްދޭ މަހަކަށް ހެދުމަށް ވިޔަފާރިވެރިންނަށް ގޮވާލާފައެވެ. އަދި މުވައްޒަފުންނަށް ރަމަޟާންމަހުގައި ލުއިފަސޭހަކޮށްދިނުމަށް މަސައްކަތުގެ މާހައުލުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް މުއައްސަސާތަކުގެ މަސްއޫލުވެރިންނަށް ގޮވާލާފައިވެއެވެ.
ހުތުބާ ނިންމާލަމުންވަނީ ރަމަޟާންމަހުގެ ރޭތަކަކީ ކެއިންބުއިމާއި މަޖާކުރުމުގެ ރޭތަކަކަށް ނުހަދައި އެރޭތަކަކަކީ ދުންޏަވީގޮތުންނާއި އުހުރަވީގޮތުން ފައިދާހުރި ބޭނުންތެރި ރޭތަކަކަށް ހެދުމަށް އަޒުމް ކަނޑައަޅައި ހާއްސަކޮށް ފަހުދިހައިގެ ރޭތައް އިހުޔާކޮށް ދިރުވުމުގެ އަޒުމުގައި މި ބަރަކާތްތެރި މައްސަރާއި ބައްދަލުކުރުމަށް އެންމެހާ މުސްލިމުންނަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ