ޑިމޮކްރަސީގެ ރީތި ނަން ދެމެހެއްޓުމަށްޓަކައި އެކުގައި މަސައްކަތްކޮށްދީ: މެމްބަރު ނިޔާޒް

ރާއްޖޭގެ ޑިމޮކްރަސީއަށް އެމްޑީޕީން ކޮށްފައިވާ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ޕާޓީގެ މެމްބަރުންނާއެކު ރައީސް ނަޝީދު މަސައްކަތްކޮށްދެއްވުމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އެދިވަޑައިގެންފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުނުކުރައްވައި، އެޕާޓީ ތެރޭ ވަކި ހަރަކާތެއް ހިންގާނަމަ ފިޔަވަޅުއަޅާނެކަމުގެ އިންޒާރު ޗެއާޕާސަން ފައްޔާޒު އިސްމާއިލް ދެއްވާފައިވީ ނަމަވެސް، އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތް ރައީސް މުހައްމަދު ނަޝީދު އިސްވެ ހިންގަމުން އަންނަ "ފިކުރެއްގެ ދިރުން" ގޮފި ހެދުމުގެ މަސައްކަތް ހުއްޓާނުލައި އަންނަނީ ކުރަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބަށްފަހު ރައީސް ސާލިހާއެކު ސިޔާސީ މަސައްކަތް ނުކުރައްވާނެކަމަށް ރައީސް ނަޝީދު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އެމްޑީޕީ ދެބައިވެފައިވާކަމުގެ ތުހުމަތުތަކެއް ޕާޓީގެ މެމްބަރުން ކުރަމުންދާ ވަގުތެއްގައި، ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެމްބަރު ނިޔާޒު ވިދާޅުވީ، ރައީސް ނަޝީދަކީ އެމަނިކުފާނު ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށާއި ސިޔާސީ ހަޔާތުގައި ވަރަށް ގިނަ ސިޔާސީ މަސައްކަތް އެކުގައި ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
ސިޔާސީ ކަންކަމުގައި ލިބުނު ކާމިޔާބީތަކުގައިވެސް ރައީސް ނަޝީދުގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވާ ނިޔާޒް ވަނީ، ރައީސް ނަޝީދުގެ ސިޔާސީ މަސައްކަތްފުޅަށް ހިތްވަރުވެސް ދެއްވާފައެވެ.
އެމްޑީޕީން ޑިމޮކްރަސީއަށް ކުރި ބުރަ މަސައްްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުންނާއި މެޖޯރިޓީއަށް ތަބާވުމުގެ ގޮތުން ރައީސް ސާލިހާއެކު އެންމެން ގުޅިގެން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި އެކުގައި މަސައްކަތް ކުރުމަށް ރައީސް ނަޝީދުގެ ޓީމަށް މެމްބަރު ވަނީ ގޮވާލާފައެވެ.
މެމްބަރު ވަނީ އެޕްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރައްވަން ޖެހޭ ފަރާތަކީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ކަމުގައިވެސް ވިދާޅުވެފައެވެ.
އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތަށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ވަޑައިނުގަތުމަކީ ވަރަށް ދެރަކަމެއްކަން ފާހަގަކުރައްވާ ނިޔާޒް ވަނީ އެމްޑީޕީގެ ރައީސްގެ މަސްއޫލިއްޔަތުތަކެއްވެސް އޮންނަ ކަމުގައި ވިދާޅުވެފައެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި، ޕާޓީ ދެ ފެކްޝަނަކަށް ބެހުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތަކާމެދު ޕާޓީގެ އިސް ލީޑަރު އަދި ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދަވާފައިވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި، ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުންތަކެވެ.
ރައީސް ނަޝީދު ބޭނުންފުޅުވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެއްވުމަށެވެ. ރައީސް ޞާލިޙް އެކަމާ ދެކޮޅު ހައްދަވައެވެ.
އެފަހުން ދެ ރައީސުންގެ ދެމެދުގައި ހިޔާލުތަފާތުވުންތައް އިތުރުވެ، ދެ ފެކްޝަނަކަށް ޕާޓީ ބެހި، ދެ ފެކްޝަނުން ވެސް ބަހުގެ ހަމަލާތައް އަމާޒުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ