މޮރިޝަސްއަށް ފޮނުވި ސިޓީ ދޭކަށް ރައީސް އޮފީހުން އެއްބަހެއް ނުވި: އިއްތިހާދު

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ހާމަކުރުމަށް ރައީސް އޮފީހުން ދެކޮޅު ހަދައިފިކަމަށް ކަނޑު ވިއްކުޟާ ދެކޮޅު އިއްތިހާދުން ހާމަކޮށްފިއެވެ.
ރައީސް އިބްރާހިމްގެ އެ ސިޓީ ހޯދުމަށް މަޖިލީހުގައި ހިމެނޭ އިދިކޮޅު ބައެއް މެންބަރުން ވަނީ މިއަދު ރައީސް އޮފީހަށް ވަޑައިގެންފައެވެ. އޭތެރޭގައި ޕީޕީއެމް ޕީއެންސީގެ މެމްބަރުންނާއި، ދަ ޑިމޮކްރަޓްސްގެ މެމްބަރުންގެ އިތުރުން އެމްއެންޕީގެ މެންބަރުން ހިމެނިވަޑައިގަންނަވައެވެ.
ރައީސް އޮފީހަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ސިޓީ ހިއްސާ ކުރެވޭނީ މަޖިލީހުގެ 241 ކޮމެޓީއާ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވި ކަމަށެވެ.
އާޒިމް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކަނޑު ވިއްކުމާ ދެކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރާތާ އަށް މަސް ވެފައިވާ ކަމަށާއި ނަމަވެސް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.
ނޫސްވެރިންނާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ސިޓީ ހޯދަން ދިޔައީ ބޮޑު ދައުލަތެއްގައި ސިޓީގެ ކޮޕީއެއް އޮންނާނެ ކަމަށް ބަލައިގެން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ސިޓީ ހޯދަން ރާއްޖޭގެ ރައްޔިތުން ބޭނުންވާކަމަށާއި ރާއްޖޭގެ ރައްޔިތުން ބޭނުންވޭ ރާއްޖޭ ރައީސް އިބްރާހިމް އެފަދަ ސިޓީއެއް ފޮނުއްވެވީ ކީއްވެތޯ އާއި ރައްޔިތުންނަށް ސިއްރުން އެ ސިޓީ ފޮނުއްވަން ޖެހުނީ ކީއްވެތީ ރާއްޖޭގެ ރައްޔިތުން ސާފުކުރަން ބޭނުންވާކަމަށެވެ.
ރައީސް އޮފީހުން އެ ސިޓީ ހާމަކުރަން ދެކޮޅި ހަދާފައިވާއިރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕީޖީ ލިޑަރު އަދި ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީގެ މުގައްރިރު ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ކޮމިޓީން ހޯދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ