މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، އުފެދޭ ސަރުކާރެއްގައި އެމްޑީޕީގެ ހިއްސާ އޮންނަން ބޭނުންވާ ނަމަ، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ މަގުން ކުރިއަށް ދިއުން ނޫން ގޮތެއް ނެތް ކަމަށް ނަޝީދު ފެކްޝަންގެ އިސް މެމްބަރު އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
"ފިިކުރެއްގެ ދިރުން"ގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަން ޕާޓީގެ ހުރިހާ މެމްބަރުންނާއި ރައްޔިތުންނަށް ވެސް މިހާރު ޔަގީންވެއްޖެ ކަމަށެވެ.
އީވާ ވިދާޅުވި ގޮތުގައި، އެއީ މި ސަރުކާރުގެ ކޯލިޝަން މިހާރު ރޫޅިފައި ވާތީ އެވެ. މި ކޯލިޝަން، ކޯލިޝަނަކަށް ހަދައިދޭ ޕާޓީ، ޖުމްހޫރީ ޕާޓީން އަމިއްލައަށް ވާދަކުރަން ނިންމުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "އަމިއްލަ ބުރަދަނެއް ނެތްކަން" އެނގިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ. އީވާ ދެކެވަޑައިގަންނަވާ ގޮތުގައި، ނަޝީދު ދައްކަވާ މަގުން އެމްޑީޕީގެ މަސައްކަތްތައް ބައްޓަންކުރަންވީ އެ ސަބަބަށްޓަކަ އެވެ.
"އަޅުގަނޑުމެން އެންމެނަށް ވެސް އިނގޭ އިންތިހާބެއްގައި އެކަންޏެއް ނޫން، މި ރާއްޖޭގައި އެމްޑީޕީއަށް ލިބުނު ކާމިޔާބެއް ވިއްޔާ މިއަދާ ހަމައަށް ވެސް ލިބަފައި ވަނީ ހަމަ ރައީސް ނަޝީދު ދެއްކެވި މަގުން އަޅުގަނޑުމެން މި ޕާޓީ ކުރިއަށް ގެންގޮސްގެން،" ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްކަން ވެސް ކުރައްވާ އީވާ ވިދާޅުވި އެވެ.
"ދެން އުފެދޭ ސަރުކާރެއްގައި އެމްޑީޕީގެ ހިއްސާ އޮންނަން ބޭނުންވަންޏާ އަޅުގަނޑަކަށް ހިޔެއް ނުވޭ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއެކު އެމްޑީޕީ މި ރިޔާސީ އިންތިހާބުން އެއީކީއެއް، އެމްޑީޕީއަކަށް އޮތް ޗޮއިސެއްހެން."
Nasheed ge fikureh ge dhirun aai JP ge PG group gulhumuge visnun
The most trusted news source in the Maldives
Mihaaru
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ ވަކިން އުފައްދަވައިގެން އުޅުއްވާ "ފިކުރެއްގެ ދިރުން" އާއި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕް ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް، ރޭ އީވާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެކުގައި މަސައްކަތް ކުރަން ފަށަން ޖޭޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ވާހަކަދައްކަން ޖެހޭ ކަމަށެވެ.
"ޖުމްހޫރީ ޕާޓީގެ އިތުރުން އަޅުގަނޑުމެންނާއެކު މަސައްކަތް ކުރާނެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވާނެ ކަމާ މެދު އަޅުގަނޑަށް އެއްވެސް ސުވާލެއް ނެތް،" އީވާ ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ނެރެ، އެ ޕާޓީން އިސްވެ އޮވެ ޕާޓީތަކާއެކު ކޯލިޝަނަކުން ވާދަކުރަން ކައުންސިލްގެ އިއްތިފާގުން ރޭ ވަނީ ފާސްކޮށްފަ އެވެ.
ނަޝީދުގެ "ފިކުރެއްގެ ދިރުން"ގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައި މެމްބަރުން ވަނީ ޖޭޕީގެ އެ ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ.
ދެން އަންނަ ސަރުކާރެއްގައި އެމްޑީޕީގެ ހިއްސާ އޮންނަން ބޭނުންވާ ނަމަ ކުރިއަށް ދާންވީ ނަޝީދު ދައްކާ މަގުން: އީވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ