އިދިކޮޅު ދެ ކެންޑިޑޭޓަށް އިހްތިރާމް ކުރަން، އެކަމަކު ދާއިރާގެ ތަރަައްގީއަށް ވޯޓު ދޭންވީ އެމްޑީޕީއަށް: ރައީސް

ށ. ކޮމަންޑޫން: އަންނަ ހޮނިހިރުދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ވާދަކުރައްވާ އަނެއް ދެ ކެންޑިޑޭޓުންނަށް އިހްތިރާމްކުރައްވާ ކަމަށާއި ނަމަވެސް ދާއިރާގެ ތަރައްގީއަށްޓަކައި ރައްޔިތުން ވޯޓު ދޭންވީ އެމްޑީޕީ ކެންޑިޑޭޓަށް ކަމަށް، އެޕާޓީގެ އެންމެ އިސް ވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ބައި-އިލެކްޝަން ކެމްޕެއިނަށް ރައީސް ސޯލިހް މިއަދު ވަނީ އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދާ އެކު ދާއިރާގެ މައި ރަށް، ށ. ކޮމަންޑުއަށް ވަޑައިގެންފަ އެވެ. އެއާޓެކްސީގައި ދެ ރައީސް މިއަދު މެންދުރު މި ރަށަށް ވަޑައިގެންނެވި އިރު، މަރުހަބާ ދެންނެވުމަށް ހުންނެވީ، ސަރުކާރު ކޯލިޝަންގެ އެއް ބައިވެރިޔާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. 
އޭގެ އިތުރުން މި ދާއިރާއަށް ކުރިމަތިލައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދާއި އެމްޑީޕީގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ބުނީ ކީކޭ؟- ރަށުގެ ބަނދަރު މަތީ، އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ ސަރުކާރަށް މުހިންމު އިންތިހާބެއް ކަމަށެވެ. ކޮމަންޑޫ ރައްޔިތުން ހިޔާރުކުރަންވީ އެމްޑީޕީގެ ކެންޑިޑޭޓު ރާޝީދު ކަމަށާއި 'ދެރަ ގޮތެއް' ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މި ދާއިރާއަށް ކުރިމަތިލައްވާފައި ތިބި އިހްލާސްތެރި ދެ ބޭފުޅުން. އަޅުގަނޑު އިހްތިރާމް ކުރަން އެ ދެ ބޭފުޅުންނަށް. އެހެން ނަމަވެސް ދާއިރާގެ ތަރައްގީއަށްޓަކައި، ދާއިރާގެ ކުރިމަގަށްޓަކައި ސަރުކާރާ އެކީ ރާޝިދާ އެކު ކުރިއަށް ވަޑައިގަތުން،" ރައީސް ވިދާޅުވި އެވެ.
"ހިޔާލުތައް އެކަހެރި ކުރައްވައި، ވިސްނުންތައް ދުރުކުރައްވާ. މި ވިސްނުމައިގެން [އެމްޑީޕީއަށް ވޯޓު ދިނުމުގެ ވިސްނުން] ކޮމަންޑޫގެ ރައްޔިންތުން ކުރިއަށް ވަޑައިގަންނަވާ. ތަރައްގީ އާއި ކުރިއެރުން އޮންނާނީ އޭރުން."
ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން ވައުދުވެފައިވާ ގޮތަށް މި ރަށާއި، ރަށާ ޖެހިގެން އޮތް މަތިކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް ރައްޔިތުން ބޭނުންވި ގޮތަށް "ބާރަށް ކުރިއަށް އެދަނީ" ކަމަށެވެ. އަދި އެތަނުގައި އިގްތިސާދީ ކަންކަން ކުރިއަށް ގެންދަން ސަރުކާރުގެ ވިސްނުންތަކެއް އެބަހުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެ މަސައްކަތް ނިމި، އެތަނުން ބޯހިޔާވަހިކަން ރައްޔިތުންނަށް ލިބި އަދި އިގްތިސާދީ މަސައްކަތްތައް އެތަނުގައި ފެށުމަށް ޕްލޭންތަކެއް އަޅުގަނޑުމެން އެބަ ކުރަން. ތިބޭފުޅުންނާ އެކު އެ މަޝްވަރާތައް ކުރުމަށް ފަހު އެކަން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ:
މިއަދު ރިޔާސީ ބަޔާން އިއްވި އިރު، ކޮމަންޑޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ވަހީދު މަޖިލީގައި ނެތުމުން އެކަމުގެ ފަޅުކަން ފެނުނު
ތައުލީމީ ދާއިރާގެ ބޭފުޅުންގެ މުސާރަތައް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާ ފަދައިން ދެން މުސާރަ ބޮޑު ކުރުމަށް ހަމަޖެހިފައިވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ 
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ދިރާސާތައް ހަދާ، ނިންމަން ޖެހޭ ކަންކަން މި އަހަރު ތެރޭ ނިންމާނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ