އަނިޔާވެރިންނަށް މައާފުކޮށް ހިތް ހަލާސްކޮށްފިން: ގާސިމް އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އަނިޔާވެރިކަމާ ކުރިމަތިލައްވަން ޖެހުނު ނަމަވެސް އަނިޔާވެރިންނަށް މައާފުކޮށް ހިތް ހަލާސްކޮށްފިން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސް ރަސްމީކޮށް ހުޅުވާދެއްވުމަށްފަހު ދެއްކެވި ވާހަކައިގެ ތެރޭގައެވެ.
މި ވާހަކައިގައި އޮނަރަބަލް ގާސިމް އިބްރާހިމް ވަނީ އަނިޔާވެރިކަމުގައި އެމަނިކުފާނު ހޭދަކުރެއްވި ދަތި އުނދަގޫ ރާސްތާގެ މައްޗަށް އަލިއަޅުވާލައްވައި ވަރަށް ތަފްސީލީ ގޮތެއްގައި އަސަރާއިއެކު ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ ކަންކަމުގައި އުޅޭއިރު ގޮށްރާޅުތަކާ ކުރިމަތިލާންޖެހޭނެ ކަމަށާއި އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައިވެސް ގޮށްރާޅުތަކާއި ގަދަފަދަ ކޮޅިގަނޑުތަކާ ކުރިމަތިލާންޖެހުނު ކަމަށެވެ.
އެމަނިކުފާނުގެ ވާހަކައިގަ ކުރިއަށް ގެންދަވަމުން ވިދާޅުވީ ކޮންމެ ވެރިއަކުވެސް ވެރިކަން ކުރައްވާއިރު ރަނގަޅަށް ކުރެވިފައި ހުރި ކަންކަމާއި ނުބައިކޮށް ކުރެވިފައި ހުންނަ ކަންކަންވެސް ހުންނާނެ ކަމަށެވެ. އެހެންކަމުން ބަލަންޖެހޭނީ ރަނގަޅަށް ކުރެވުނު ކަންތައްތައް ގިނަތޯކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވީ އެއްވެސް ވެރިއަކަށް ސަތޭކަ އިންސަތަ ބަރާބަރަށް ވެރިކަން ނުކުރެވޭނެ ކަމަށެވެ.
މި މޭރުމުން އެމަނިކުފާނުގެ ވާހަކައިގަ ކުރިއަށް ގެންދަވަމުން ވިދާޅުވީ އިސްލާހަށް ޓަކައި ތެދުވަންޖެހޭ ކޮންމެ ވަގުތަކު ޖުމްހޫރީ ޕާޓީގެ ފަހުލަވާނުން ތެދުވާނެ ކަމަށާއި އެފަދަ ކޮންމެ ވަގުތެއްގައި ޕާޓީގެ މެންބަރުންގެ ގައިގައި ޖަހާނީ އިސްލާހުގެ ވިންދު ކަމަށެވެ.
ރާއްޖޭގެ އިސްތިގްލާލާއި އިސްލާމް ދީނުގެ ދިފާއުގައި ކުރާ މަސައްކަތުގައި ބަލި ނުކުރެވޭނެކަން 2018ގެ އިންތިހާބުން ސާބިތުކޮށްދީފި ކަމަށާއި މިއަދުވެސް ރައްޔިތުންގެ ލާބައަށް އަތުކުރި އޮޅާލަން ޖެހޭ ކޮންމެ ވަގުތެއްގައި ޖޭޕީގެ ހުރިހާ ބޭފުޅުން ތިބޭނެކަމާއި މެދު އެމަނިކުފާނު ޝައްކުނުކުރައްވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭ އިސްލާހުކޮށް ގައުމަށް ކުރިއެރުން ގެނެސްދީ، ދިވެހިންނަަށް ފާގަތި ދިރިއުޅުމެއް ނެގެސްދެން ފެށި ދަތުރުގައި ވަރަށް ދިގު މިސްރާބަކަށް ދަތުރުކޮށްފިން ކަމަށެވެ.
އެެހެންނަމަވެސް އިސްއުފުލާލައި ބަލާލީމަ ފެންނަނީ ރައްޔިތުން އެދޭ މަންޒިލް އޮތީ އަދި ތަންކޮޅެއް ދުރުގައިކަން އެމަނިކުފާނުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން އެމަންޒިލަށް ދިވެހިން ގެންދިޔުމަށް އަދިވެސް ވަރުބަލިކަމެއް ނެތި މިދަނީ މަސައްކަތް ކުރަމުންކަމަށް ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީ ހިއްސާވާ ސަރުކާރުތަކުން ވައުދުތައް ފުއްދަމުންދާއިރު ކޯލިޝަން މެމްބަރުންގެ ދައުރެއް އޮންނަ ކަމަކަށް ނުވާކަމަށާއި އެކަމަކު ސަރުކާރު އެކުލަވާލަންވީމަ ޖުމްހޫރީ ޕާޓީ ވަރެއް ނޯންކަމަށް ވިދާޅުވެ ކޯލިޝަން ސަރުކާރުތަކުން އަމަލުކުރާ ގޮތްތަކާއިމެދު އެމަނިކުފާނުވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެހެން ނަމަވެސް ރައްޔިތުންގެ ހެވާއި ލާބަޔަށް ހުރިހާ ސަރުކާރުތަކަކަށްވެސް އެ ޕާޓީއާއި އެމަނިކުފާނުވެސް އެއްބާރުލުން ދީފައިވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއަކީ ފުރުސަތު ފަހިވެގެންވާ ޕާޓީއެއްކަން ފާހަގަކުރައްވާ ޒުވާނުންނާއި، ކަނބަލުންނަށްވެސް އެހެން އެެއްވެސް ޕާޓީއެއްގައި ނެތް މިންވަރަށް މި ޕާޓީގައި ފުރުސަތު އޮންނާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތްތަނުގައި ވެސް އެކަން އޮންނާނީ އެހެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަ ނިންމަވާލެއްވީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އިހްސާސްތައް ދަންނަ ބަޔަކަށް ވެރިން ވާންޖެހޭނެ ކަމަށް ނަސޭހަތްތެރިވެ މިފަދަ ވެރިންނަށް ނޫނީ ދިވެހިންނަށް ހިދުމަތްކޮށް ނުދެވޭނެ ކަމަށް ވިދާޅުވަމުންނެވެ.
މިއަދު ފެށިގެންދިޔަ ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ޤައުމީ ކޮންފަރެންސްގެ ފުރަތަމަ ދަންފަޅީގެ ރަސްމީ ބައި ވަރަށް ކާމިޔާބުކަމާއެކު ނިންމާލިއިރު މިއީ ޖުމްހޫރީ ޕާޓީގެ ހަޔާތުގައިވެސް ބޭއްވިގެންދާ އެންމެ ވަރުގަދަ ގައުމީ ކޮންފަރެންސެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ