އަބްދުﷲ ރަޝީދު މަރުވީ ފުލުހުންގެ އިހުމާލުންކަން ސާބިތެއް ނުވޭ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދު މަރުވި މައްސަލައިގައި ފުލުހުންގެ އިހުމާލު ނެތްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިމްރާނަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވަނީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ސުވާލު ކޮށްފައެވެ. އެގޮތުން އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު އާއިލާއަށް އެއްވެސް ކަމެއް އަންގާފައިނުވާ ކަމަށާއި އެމަރާ ގުޅިގެން ކުރެވުނީ ކޮން ކަމެއްތޯ ސުވާލު ކޮށްފައިވެއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ޕޯސްޓްމޯޓަމް ހެދުނީ އަބްދުﷲ ރަޝީދުގެ މަރު ތަހުގީގު ކުރުމަށް ކަމަށެވެ. އިމްރާން ވިދާޅުވީ އެކަމުގައި ޔަގީންކުރަން ބޭނުންވީ އަބްދުﷲ ރަޝީދުގެ މަރުވުމަށް މެދުވެރިވީ ފުލުހުން ސީދާ އަމަލެއް އޮވެގެންތޯ ނުވަތަ ފުލުހުން އިހުމާލަކުންތޯ ކަމަށެވެ.
"އެކަމާ މެދުގައި އަޅުގަނޑުމެނަށް ފުލުހުންގެ ސީދާ އަނިޔާއެއް އޮވެގެން ނުވަތަ ގަސްތުގައި އިހުމާލެއް އޮވެގެން އެކަން ކުރިކަމަށް، އޭނަ މަރުވުމަށް ދިމާވިކަމަށް ސާބިތުވާނެ އެއްވެސް ހެއްކެއް އަޅުގަނޑުމެނަށް ލިބޭކަށް ނެތް." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މީގެއިތުރުން އިމްރާން ވިދާޅުވީ ކަމެއްގައި ތުހުމަތެއް ކުރެވުމުން ނުވަތަ ވާހަކައެއް ދެކެވުމުން މިނިސްޓަރުގެ ހައިސިއްޔަތުން އެކަމުގައި އިތުރަށް ކުރެވޭނެކަމެއް ނެތްކަމަށެވެ.
އަބްދުﷲ ރަޝީދު ނިޔާވެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ގދ. ހޯނޑެއްދުއިން އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައިއިންދާ މެޔަށް ތަދެއް އަރައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ