އަބްދުﷲ ޖަމީލް އަވަހާރަވުން: ދިދަ ބައިދަނޑިއަށް ތިރިކޮށް، ޖަނާޒާ ރަސްމީ އިއްޒަތުގައި

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ކުރީގެ މިނިސްޓަރު އަބްދުﷲ ޖަމީލް އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކޮށްފައި ބަހައްޓަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ އަބްދުﷲ ޖަމީލު އަވަހާރުވުމުގެ ހިތާމައިގައި މާދަމާ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ އޮފީހުން ބުނީ އަބްދުﷲ ޖަމީލުގެ ޖަނާޒާ ބޭއްވުމަށް ސަރުކާރުން ހަމަޖައްސަވައިފައި ވަނީ ރަސްމީ އިއްޒަތުގައި ކަމަށެވެ. މޫނު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައި ކަމަށާއި ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އަބްދުﷲ ޖަމީލް އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އުމުރުފުޅުން 87 އަހަރުގައި އޭނާ އަވަހާރަވީ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށްފަހުގަ އެވެ.
1953 ވަނަ އަހަރު ވުޒާރަތުލް މުވާސަލާތުގެ އޮބްޒާވަރެއްގެ ވަޒީފާއިން ހިދުމަތް ކުރައްވަން ފެއްޓެވި އަބްދުﷲ ޖަމީލް ވަނީ ސަރުކާރުގެ އެކި މަގާމުތައް ފުރުއްވައިފަ އެވެ. އެގޮތުން ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައާއި ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ސަރުކާރުގެ މުހިންމު މަގާމުތަކެއް އަބްދުﷲ ޖަމީލު ފުރުއްވި އެވެ.
މަރުހޫމް އަބްދުﷲ ޖަމީލަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އެރުވީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. މީގެ އިތުރުން މިނިވަން 25 އާންމު ހިދުމަތުގެ އިނާމުވެސް އޭނާއަށް ލިބިވަޑައިގެންނެވި އެވެ.
މަރުހޫމް އަބްދުﷲ ޖަމީލަކީ ރާއްޖޭގެ މަޝްހޫރު އަދީބު އައްޝައިހް މުހައްމަދު ޖަމީލް ދީދީގެ ދޮށީ ދަރިކަލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ