ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް އެރުވުމުގެ ޖަލްސާ އަންނަ މަހު 9ގަ!

ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް އެރުވުމުގެ ޖަލްސާ އަންނަ މަހުގެ 9ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
މިކަން އިއުލާންކުރައްވާ ގާސިމް އިބްރާހީމްގެ އެޑްވައިޒަރު އަދި މި އިވެންޓުގެ މެނޭޖަރު ރިޔާޒް ރަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް އެރުވުމުގެ ޖަލްސާ އަންނަ މަހުގެ 9ވާ ހުކުރު ދުވަހުރޭ ކާނިވަލްގަ އޮންނާނެ ކަމަށެވެ.
އަދި މިޖަލްސާއަށް ޖޭޕީގެ ހުރިހާ ސަޕޯޓަރުންނަށް ދައުވަތު އަރުވާ ކަމަށްވެސް ރިޔާޒް ކުރެއްވި ޓްވީޓުގައިވެއެވެ.
ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ޤާސިމް އިބްރާހީމަށް ލިބިވަޑައިގަތީ، އެ ޕާޓީގެ ކައުންސިލްގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ. ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޤާސިމް އިބްރާހީމް ކަން އިއުލާނުކުރުމާއެކު، ސިޔާސީ ގޮތުން ހައިބަތުބޮޑު ގިނަ ފަރާތްތަކަކުން އަންނަނީ، ޤާސިމް އާއި ޖޭޕީއާ އެކުގައި މަސައްކަތްކުރުމަށް ނިންމައި، އެކަމުގެ މަޝްވަރާތައް ކުރަމުންނެވެ.
ޕާޓީގެ ލީޑަރު އަދި މުޅި ލީޑަރޝިޕުން ދެކިވަޑައިގަންނަވާ ގޮތުގައި ޖުމްހޫރީ ޕާޓީއަކީ ރައްޔިތުންގެ ހިތާ ގުޅިފައިވާ ރައްޔިތުންގެ ވިންދެވެ. މިފަހުން ގިނަ އަަދަދެއްގެ މެމްބަރުންތަކެއް ޖޭޕީއާ ގުޅެމުން އަންނަ މައިގަނޑު ސަބަބަކީ އެއީ ކަމުގައި ވެސް އެ ފަރާތްތަކުން ފާހަގަކުރައްވައެވެ.
ރާއްޖޭގައި ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީގައި 23،000 އެއްހައި މެމްބަރުން ތިބޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެ ޕާޓީގެ އަމާޒަކީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އަދަދު ބޮޑުތަނުން އިތުރުކުރުމެވެ. މި އަޒުމުގައި ޕާޓީން އަންނަނީ ގިނަ ހަރަކާތްތަކެއް ރާވައި، ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ