ﷲ ގެ ޙަޟްރަތުގައި ތިބާގެ ދަރަޖަ އުފުލުމަށް ކުރެވިދާނެ ދިހަ ކަމެއް-

ފާޠިމަތު ނައީޝާ 
ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ދަރަޖަ އުފުލިގެން ދިއުމަށް ކުރެވިދާނެ ކަންކަމާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރެއެވެ. ބައެއް ބޭފުޅުންނަށް ހެޔޮ ޢަމަލުގެ ގޮތުގައި މާނަކުރެއްވެނީ ހަމައެކަނި މިސްކިތުގައި ނުވަތަ މުސައްލަމަތީގައި ކުރާ ކަންކަމެވެ. ނަމަވެސް ހެޔޮ ޢަމަލުކުރުމުގެ މާނައަކީ މާބޮޑަށް ފުޅައުވެގެންވާ މާނައެކެވެ. ހެޔޮ ޢަމަލުތައް މާގިނައެވެ. 
އެހެންކަމުން އެފަދަ ސުވާލުކުރައްވާ ކިޔުންތެރިންނަށް އެހީތެރިވުމުގެ ގޮތުން މިގެނެސްދޭ، ތިރީގައިވާ ލިޔުމުން ވަރަށް ގިނަ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ
އިސްލާމްދީނުގައިވާ އެންމެ ރީތި އެއްކަމަކީ، ﷲ ޞުބުޙާނަހޫ ވަޠަޢާލާގެ ޙަޟްރަތުގައި ތިބާގެ ދަރަޖަ އުފުލުމަށް އެތައް ބައިވަރު ކަމެއް ކުރުމުގެ ފުރުޞަތު އަހަރެމެންނަށް ލިބިފައިއޮތުމެވެ. 
އޭގެ ތެރެއިން 10 ކަމެއް ފާހަގަކޮށްލާނަމެވެ. 
1. މީހުންދެމެދުވާ ކަންތައްތައް ހެޔޮ މަގަށް އެޅުވުން
އަބޫ ދަރްދާއު ރިވާކުރެއްވި ކީރިތި ރަސޫލާ صلّى الله عليه وسلّم  ޙަދީޘްބަސްފުޅެއްގައިއެވެ. "(ސުންނަތް) ރޯދައާއި ނަމާދާއި ޞަދަޤާތަށްވުރެ މާމަތީ ދަރަޖައެއް ލިބިގެންވާ ޢަމަލެއް ތިމަންކަލޭގެފާނު ދަންނަވަންހެއްޔެވެ؟ " އަޞްޙާބު ބޭކަލުން ވިދާޅުވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ވިދާޅުވާށެވެ. " ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. " އެބައެއްގެ ދެމެދުގައިވާ ކަންތައްތައް ހެޔެމަގަށްއެޅުވުމެވެ. އެކަމެއް ނުބައިކުރުމަކީ ހަލާކުހުރިކަމެކެވެ. " ( ސުނަނު އަބީ ދާވޫދު 4919 ) 
2. މީސްތަކުންނަށް ހެޔޮކޮށް ހިތުން
ކީރިތި ރަސޫލާ صلّى الله عليه وسلّم  ގެ އަރިހުގައި ދެންނެވުނެވެ. " މުސްލިމުންގެ ތެރެއިންވާ އެންމެ ހެޔޮކަންބޮޑު މީހާއަކީ ކާކުހެއްޔެވެ؟ " އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. " އެމީހެއްގެ ދުލާއި އަތުން އެހެން މުސްލިމުންނަށް ރައްކާތެރިކަން ލިބިގެންވާ މީހާއެވެ. " (ބުޚާރީ / މުސްލިމުން) 
3. ކޮންމެ ދުވަހަކުވެސް ހެނދުނާއި ހަވީރު سُبحاَنَ الله وَبِحَمدِهي 100 ފަހަރުކިޔުން
ކީރިތި ރަސޫލާ صلّى الله عليه وسلّم   ޙަދީޘްކުރެއްވިއެވެ. " ހެނދުނާއި ހަވީރު 100 ފަހަރު 'سُبحاَنَ الله وَبِحَمدِهي' މިފަދައިން ކިޔައިފިމީހާ، އެއަށްވުރެ ހެޔޮކަންބޮޑު އެއްޗެއް ހިސާބުބެއްލެވޭ ދުވަހަކު ނުގެނެވޭނެއެވެ. އެކަލިމަތަށް ނުވަތަ އެއަށްވުރެ އިތުރަށް ކިޔައިފިމީހެއްމެނުވީއެވެ. " ( މުސްލިމް ) 
4. ޤުރުއާން އުނގެނުމާއި ޤުރުއާން އުނގަންނައިދިނުން
ކީރިތި ރަސޫލާ صلّى الله عليه وسلّم ޙަދީޘްކުރެއްވިއެވެ. " ތިޔަބައމީހުންގެ ތެރެއިން އެންމެ ހެޔޮކަންބޮޑު މީހާއަކީ ޤުރުއާން އުނގެނި އެއުނގަންނައިދޭމީހާއެވެ. " ( ބުޚާރީ )
5. ޔަތީމުންނަށް އަޅާލުން
ކީރިތި ރަސޫލާ صلّى الله عليه وسلّم  ޙަދީޘްކުރެއްވިއެވެ. " ޔަތީމަކަށް އަޅާލައިފި މީހަކު، އެއީ އާއިލާ ކުއްޖެއްކަމުގައިވީނަމަވެސް، އެމީހަކާއި ތިމަންކަލޭގެފާނު ސުވަރުގޭގައިވާނީ މިފަދައިންނެވެ. " ދެން އެކަލޭގެފާނު، އެކަލޭގެފާނުގެ ޝަހާދަތް އިނގިލިފުޅަށާއި މެދުއިނގިލިފުޅަށް އިޝާރާތްކުރެއްވިއެވެ. ( ބުޚާރީ/މުސްލިމް ) 
6. ފަޤީރު މީހަކަށް ނުވަތަ ހުވަފަތްވެފައިވާ މީހަކަށް ހެޔޮކޮށް ހިތުން
ކީރިތި ރަސޫލާ صلّى الله عليه وسلّم  ޙަދީޘްކުރެއްވިއެވެ. " ފަޤީރަކަށް ނުވަތަ ހުވަފަތްވެފައިވާ މީހަކަށް ހެޔޮކޮށް ހިތައިފިމީހާ ﷲ އަށްޓަކައި ޖިހާދުކުރާ މީހެއްފަދައެވެ. ނުވަތަ މުޅި ރޭގަނޑު ރޭއަޅުކަމުގައި އަދި ކޮންމެ ދުވަހަކު ރޯދައަށް ހުންނަ މީހެއްފަދައެވެ. " (ބުޚާރީ) 
7. ސިއްރުން ޞަދަޤާތްކުރުން
ކީރިތި ރަސޫލާ صلّى الله عليه وسلّم ޙަދީޘްކުރެއްވިއެވެ. "ޤިޔާމަތްދުވަހު މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާ ޢަރުޝީގެ ހިޔާވަހިކަންދެއްވާނެ ހަތް މީހުންގެތެރެއިން އެކަކަކީ ސިއްރުން ޞަދަޤާތްދީއުޅުން މީހާއެވެ. ކަނާއަތުން ދޭ އެއްޗެއް ވާއަތަށް ނޭންގޭހާވެސް ސިއްރުންނެވެ." (ބުޚާރީ) 
8. އަންހެންދަރިންނާއި އުޚުތުން ހެޔޮގޮތުގައި ބަލައިބޮޑުކުރުން
ކީރިތި ރަސޫލާ صلّى الله عليه وسلّم ޙަދީޘްކުރެއްވިއެވެ. " 2 ނުވަތަ 3 އަންހެންދަރިން، ނޫނީ 2 ނުވަތަ 3 އުޚުތުން، އެމީހުން މަރުވެއްޖައުމަށްދާންދެން ނުވަތަ އެމީހަކު މަރުވެއްޖައުމަށްދާންދެން ހެޔޮގޮތުގައި ބަލާ، އަޅާލައިފިނަމަ، ތިމަންކަލޭގެފާނާއި އެމީހެއްވާނީ މިފަދައިންނެވެ. " ދެން އެކަލޭގެފާނު، އެކަލޭގެފާނުގެ ޝަހާދަތްއިނގިލިފުޅަށާއި މެދުއިނގިލިފުޅަށް އިޝާރާތްކުރެއްވިއެވެ. ( ޞަޙީހް އަޙްމަދް ) 
9. ކޮންމެ ދުވަހަކުވެސް لاإلـه إلا لله ، وحده لا شريك له ، له الملك وله الحمد وهو على‘ كلّ شيء قدير  100 ފަހަރު ކިޔުން
ކީރިތި ރަސޫލާ صلّى الله عليه وسلّم ޙަދީޘްކުރެއްވިއެވެ. " ދުވާލަކު 100 ފަހަރު "لاإلـه إلا لله ، وحده لا شريك له ، له الملك وله الحمد وهو على‘ كلّ شيء قدير" މިފަދައިން ކިޔައިފިމީހަކު، 10 އަޅުން މިނަވަންކުރިފަދައެވެ. އަދި 100 ހެޔޮ ޢަމަލު އެމީހެއްގެ ފަތްކޮޅުގައިލިޔެވި 100 ނުބައި ޢަމަލު އެމީހެއްގެ ފަތްކޮޅުން ފުހެވިގެންދާނެތެވެ. އަދި ރޭގަނޑު އަތުވެއްޖައުމަށްދާންދެން ޝައިޠާނާގެ ކިބައިން އެމީހާއަށް ރައްކާތެރިކަންލިބިގެންވާނެތެވެ. އެޢަމަލަށްވުރެ ހެޔޮ ޢަމަލެއް އެއްވެސް މީހަކަށް ނުކުރެވޭނެތެވެ. އެއަށްވުރެ ގިނައިން ކިޔައިފިމީހެއްމެނުވީއެވެ. (މުވައްތާ މާލިކް) 
10. ޖަންނަތުލް ފިރްދައުސް ލިބިގަތުމަށް ޤުރުޢާނުގައި ދެއްވާފައިވާ އިރުޝާދުތަކަށް ޢަމަލުކުރުން 
ސުވަރުގެ ލިބުމަށް އެދޭއިރުވެސް ޖަންނަތުލް ފިރްދައުސް ލިބިގަތުމަށްއެދި ދުޢާކުރުމަށްވެސް ކީރިތި ރަސޫލާ صلّى الله عليه وسلّم ވަނީ ބާރުއަޅުއްވާފައެވެ.
ސޫރަތުލް މުއްމިނޫންގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. " މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ. އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި ކަންތަކުން ދުރުހެލިވެ ތިބޭ މީހުންނެވެ. އަދި އެއުރެންނީ ޒަކާތްދޭ މީހުންނެވެ. އަދި އެއުރެންނީ އެއުރެންގެ ފަރުޖުތަކަށް ރަތއްކާތެރިވާމީހުންނެވެ. އެއުރެންގެ އަނބިންގެމައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެމައްޗަށްމެނުވީއެވެ. ފަހެ، ހަމަކަށަވަރުން އެއުރެންނީ، އެކަމުގައި މަލާމާތްލިބިގެންނުވާ މީހުންނެވެ. ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ ދަންނާށެވެ ! ފަހެ، އެއުރެންނީ ހުއްދަވެގެންވާ ސަރަހައްދު ފަހަނައަޅައިދާމީހުންނެވެ. އަދި އެއުރެންނީ އެއުރެންގެ އަމާނާތްތަކަށާއި އެއުރެންގެ ޢަހުދުތަކަށް ރައްކޭތެރިވާމީހުންނެވެ. އަދި އެއުރެންނީ އެމީހުންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ. ހެޔޮކަން ވާރުތަވާ މީހުންނީ ހަމައެއުރެންނެވެ. އެއުރެންނީ ފިރުދައުސްއޭ ކިޔުނު ސުވަރުގެ ވާރުތަވާ މިހުންނެވެ. އެއުރެން އެތާގައި ދެމިތިބޭހުއްޓެވެ. " ( 1-11 )
މަސްދަރު: އިސްލާމީ ހިދާޔަތް
https://quranacademy.io/blog/10-actions-that-raise-our-rank-with-allah-swt/
[ https://islamqa.info/en/answers/65500/ruling-on-disputes-and-the-virtue-of-reconciling-between-two-disputing-parties
https://islamqa.info/en/answers/65500/ruling-on-disputes-and-the-virtue-of-reconciling-between-two-disputing-parties ]
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ