ފުއްގިރި މައްސަލާގެ ނިންމުންތައް ސުޕްރީމް ކޯޓުގައި ޔާމީން އިސްތިއުނާފް ކުރަނީ

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކާ ގުޅޭ ގޮތުން ހައި ކޯޓުން ނިންމާފައިވާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތުން ނިންމައިފި އެވެ.
ފުއްގިރި މައްސަލާގައި ޔާމީނާއި ސަން އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓާއި ކްރިކް ރިޒާގެ މައްޗަށް ދައުވާ ކުރަނީ ފުއްގިރި މައްސަލާގައި ރިޝްވަތުގެ ގޮތުގައި ކްރިކް ރިޒާ މެދުވެރިކޮށް ޔާމީން އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި, ސަން ކުންފުނި މެދުވެރިކޮށް ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުން ދައުލަތުގެ ހެކިތައް ބަލައިގަތުމަށް ނިންމި ނިންމުން ބަދަލުކޮށްދިނުމަށާއި، ހެކި ރައްކާތެރިކުރުމުގެ އަމުރު ނެރުމަށް ނިންމި ނިންމުން ޔާމީން ހައި ކޯޓުގައި އިސްތިއުނާފު ކުރެއްވި އެވެ. ނަމަވެސް ހައި ކޯޓުން ނިންމީ ދަށު ކޯޓުގެ ރަނގަޅު ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ޔާމީންގެ ވަކީލުންގެ ތެރޭގައި ހިމެނޭ ވަކީލުން ވިދާޅުވީ ހައި ކޯޓުގެ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ގާނޫނުގައި ދީފައިވާ މުއްދަތުގެ ތެރޭގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ކްރިކް ރިޒާއާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނިން ވެސް ހެކިތަކާ ގުޅޭ ގޮތުން ދަށު ކޯޓުން ނިންމި ބައެއް ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ.
ސަން ކުންފުނިތަކުގެ ވަކީލުންނާއި ކްރިކް ރިޒާގެ ވެސް މިއަދުގެ އަޑުއެހުމުގައި ބުނީ އެ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ. އަދި އިސްތިއުނާފު މަރުހަލާ ނިމެންދެން ދަށު ކޯޓުގެ ޝަރީއަތް މަޑުޖައްސައިލުމުގެ ވަގުތީ އަމުރަކަށް ވެސް އެދޭނެ ކަން ވެސް ވަކީލުން ފާހަގަ ކުރި އެވެ.
ފުއްގިރި މައްސަލާގައި ދެން އޮންނާނީ ޝަރީއަތުގެ އަޑުއެހުންތައް ފެށުމެވެ. ޔާމީން މިހާރު ވެސް ގެންދަވަނީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ, 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ