އަރަބިއްޔާ ކުދިންގެ މޫނު ބުރުގާ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަނީ!

ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމަށް ހާއްސަ ކޮށްފައި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަނުންނަށް ސުކޫލަށްދާ ވަގުތު މޫނު ބުރުގާ ނޭޅޭނެ ކަމަށް އެޑިއުކޭޝަނުން އެންގި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ނިންމައިފިއެވެ.
އެސުކޫލުގެ ތިން ބެލިވެރިޔަކު ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލާގައި އެދިފައިވަނީ އެކަން އެގޮތަށް ނުކުރުމަށް އެޑިއުކޭޝަންގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
އެ ދައުވާ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ އެސުކޫލުގެ ތިން ބެލެނިވެރި އެކެވެ. އެގޮތުން އެމައްސަލައިގައި އެ ބެލެނިވެރިންގެ ފަރާތުން ވަކާލާތު ކޮށްދެއްވަނީ މަޝްހޫރު ގާނޫނީ ވަކީލާ، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ ލޯފާމް އިންނެވެ.
މޫނު ބުރުގާ އަޅައިގެން ސުކޫލަށް ދެވޭ ގޮތަށް ބެލެނިވެރިން އެދުނު ވަގުތީ އަމުރު ނުދިނުމަށް ސިވިލް ކޯޓުން އިއްޔެ ވަނީ ނިންމައިފައެވެ.
"މޫނުބުރުގާ އަޅާތީ ޢަރަބިއްޔާ ސްކޫލުން ދަރިވަރުންގެ އަސާސީ ޙައްޤެއް ކަމުގައިވާ ތަޢުލީމު ހާސިލުކުރުމުގެ ޙައްޤަށް ހުރަސްއަޅައި ކުދިން ސްކޫލަށް އައުން މަނާކުރާ މައްސަލައިގައި ބެލެނިވެރިން އެދުނު ވަގުތީ އަމުރު ސިވިލް ކޯޓަކުން ނުދިން." އަރަބިއްޔާގެ ބެލެނިވެރިން ހިންގާ ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ބެލެނިވެރިންގެ ފަރާތުން ވަކާލާތު ކުރައްވާ އައިޝަތު އާޒިމާ ޝަކޫރު "ދިޔަރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިވިލް ކޯޓުގެ އެ ނިންމުން އިސްތިއުނާފު ކުރަން ވަކީލުން ނިންމަވާފައިވާ ކަމަށެވެ.
"މި މައްސަލައިގައި ސިވިލްކޯޓުން މި ނިންމި ނިންމުން އަޅުގަނޑުމެން ގަބޫލެއް ނުކުރަން. މި މައްސަލަ އިސްތިއުނާފު ކުރަން އަޅުގަނޑުމެން ވާނީ ނިންމައިފަ" އާޒިމާ ވިދާޅުވިއެވެ.
އަރަބިއްޔާގެ ދަރިވަރުންގެ ތެރެއިން މޫނުބުރުގާ އަޅާ ދަރިވަރުން މޫނު ނެގުމަށް އެޑިއުކޭޝަނުން އެންގި އެންގުން އެ ސުކޫލުން ތަންފީޒު ކުރަން ފެށުމާއި ގުޅިގެން އެ ސުކޫލުގެ ދަރިވަރުންގެ ބެލެނިވެރިން ކޯޓަށް އެމައްސަލަ ލާން ނިންމައިފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ