ޑީއާރުޕީގެ ދަރަންޏަށް މައުމޫން ޒިންމާކުރުވާތީ ހުށަހެޅި މައްސަލަ މި ހަފުތާގައި ފަށަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންމެ ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ ޑީއާރްޕީގެ ދަރަންޏަށް އެމަނިކުފާނު ޒިންމާ ކުރުވާތީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން މި ހަފުތާގައި ފެށުމަށް ކޯޓުން ތާވަލްކޮށްފިއެވެ.
ކޯޓަށް މި މައްސަލަ ހުށަހަޅުއްވާފައިވަނީ ރައީސް މައުމޫންގެ ފަރާތްޕުޅުންނެވެ.
ޑީއާރުޕީން ހޯދި ހިދުމަތްތަކަށް އެމްޓީސީސީއަށް ދޭންޖެހޭ 1.1 މިލިއަން ރުފިޔާ އެ ޕާޓީން ނުދައްކާ އޮއްވާ އެ ޕާޓީ އުވާލުމުން ޕާޓީގެ އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން އެ ދަރަންޏަށް ޒިންމާ ކުރުވުމަށް އެމްޓީސީސީން ހުށަހެޅުމުން، ސިވިލް ކޯޓުން މީގެކުރިން ވަނީ އެ މައްސަލައިގައި ރައީސް މައުމޫން ޒިންމާދާރު ނުކުރެވޭނެ ކަމަށް ކަނޑައަޅާފައެވެ.
އެމްޓީސީސީން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ މައްސަލަ އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އިޖުރާއީ ނުކުތާއެއް ނެނގި ނަމަވެސް ހައި ކޯޓުން ނިންމީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓަށް މިހާރު ހުށަހަޅާފައިވާ މި މައްސަލައަކީ ހައި ކޯޓުގެ ނިންމުން އިސްތިއުނާފް ކުރުމަށް އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ. ޑީއާރްޕީގެ ދަރަނީގެ ފޮތުގައިވާ ފައިސާ ދެއްކުމަށް މައުމޫން ވަނީ އިންކާރު ކުރައްވާފައެވެ.
އެކަމާ ގުޅިގެން މީގެކުރިން އެމަނިކުފާނު ވިދާޅުވީ ޑީއާރްޕީގެ މައްޗަށް ހުކުމެއް އައީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ވުޖޫދުވުމުގެ ކުރިން ހިނގި މުއާމަލާތަކާ ގުޅިގެން ކަމުން، އެ ގާނޫނުގެ ދަށުން ލާޒިމްކުރި ކަމެއް ކުރިން ހިންގާފައިވާ މުއާމަލާތެއްގެ މައްޗަށް ނުހިންގޭނެ ކަމަށެވެ.
ދަރަނި އުފެދުނުއިރު ޕާޓީގެ އެންމެ އިސް ފަރާތަކީ މައުމޫން ނޫން ކަމަށާއި، އެ މުއްދަތުގައި މައުމޫނަކީ ޕާޓީގެ އިސް ފަރާތް ނޫންކަން އިލެކްޝަން ކޮމިޝަނުގެ ލިޔުންތަކުން އެނގޭ ކަން ރައީސް މައުމޫންގެ ވަކީލުން ވަނީ ކޯޓުގައި ފާހަގަކޮށްފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލައިގެ އަޑުއެހުން ފެށުމަށް ތާވަލްކޮށްފައިވަނީ އަންނަ ބުދަ ދުވަހަށެވެ.
މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ