ރަސްމާދޫ ކައުންސިލު އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ރ. ރަސްމާދޫ ކައުންސިލު އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ރަސްމާދޫ ކައުންސިލު އިދާރާގެ އައު އިމާރާތުގައި ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ރަސްމާދޫއަށް ވަޑައިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ރަސްމާދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރާއި، ރަސްމާދޫ ކައުންސިލުގެ ރައީސް މުޙައްމަދު ޢާޞިފެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރަސްމާދޫ ކައުންސިލުގެ ރައީސް މުޙައްމަދު ޢާޞިފް ވަނީ އެރަށުގެ ކައުންސިލް އިދާރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވާ، އައު އިމާރާތެއް އެރަށުގައި ޤާއިމުކޮށްދެއްވުމަށް މި ސަރުކާރުން ނިންމެވިކަމަށްޓަކާ ޝުކުރު އަދާކުރައްވާފައެވެ.
"ރަށުގެ އެންމެ އިސް މުއައްސަސާއަކަށްވާންޖެހޭ ތަން، ނުހަނު ދަތި ދެރަ ހާލުގައި ހުރީ. އެހެންނަމަވެސް މިވޭތުވެދިޔަ ސަރުކާރުތަކުގައި އާދޭސް ދަންނަވައިގެންވެސް އަޅުގަނޑުމެންނަށް ޙާޞިލުނުވެއޮތްކަމެއް. މިއަދު ބިންގާ އަޅުއްވައިދެއްވީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." ރަސްމާދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
ޖާގައިގެ ދަތިކަން އޮތް ކައުންސިލްތަކަށް އައު އޮފީސް އިމާރަތްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން ހާލަތު ދަށް 55 ރަށެއްގެ ކައުންސިލް އައު އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ސަރުކާރުން މި ހަފްތާގައި ޙަވާލުކޮށްފައިވާއިރު، މި 55 ރަށުގެ ތެރޭގައި ރަސްމާދޫވެސް ހިމެނެއެވެ.
ކައުންސިލް އިމާރާތް އެޅުމުގެ ޕްރޮޖެކްޓް ހަވާލުކޮށްފަވަނީ މެލޭޝިއާގެ ކުންފުންޏެއްކަމަށްކަމަށްވާ ހެކްސްޓަރ ގްލޯބަލްއާއެވެ. މި 55 ރަށުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މަސައްކަތްތައް ކުރިއަށްގެންދާގޮތަށެވެ. މި މަޝްރޫޢު ނިންމުމަށް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 2 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ކައުންސިލެއް އިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާއިރު، ޗައިނާ ސަރުކާރުގެ އެހީއާއެކު 50 ކައުންސިލެއްވެސް ތަރައްޤީކުރުމަށް ވަނީ ނިންމަވާފައެވެ. ސަރުކާރުގެ ޢަމާޒަކީ ޙާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކަށް މިދައުރުގެ ތެރޭގައި އައު އިމާރާތްތައް ޤާއިމުކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ