ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ޝަކުވާ ހުށަހެޅުމަށް ފުލުހުންގެ ޚާއްސަ ޕޯޓަލްއެއް

ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭގޮތުން ކުރިއަށްގެންދާ ތަޙުގީގަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ހުށައެޅުމަށް ޚާއްސަ ޕޯޓަލްއެއް ދިވެހި ފުލުހުންގެ ޚިދުމަތުން ޤާއިމުކުރައްވައިފިއެވެ.
ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭ ތަޙްގީގަށް ބޭނުންވާ މަޢުލޫމާތު ހިއްސާކުރުމަށް ޤާއިމްކުރެއްވި ޕޯޓަލްގެ އެޑްރެހަކީ evidence.police.gov.mv އެވެ.
މިސްކީމްތަކާއި ގުޅޭގޮތުން ކުރިއަށްގެންދާ ތަޙުގީގަށް ބޭނުންވާކަމަށް ބެލެވޭ އެއްވެސް މަޢުލޫމާތެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތްތަކުން އެޕޯޓަލް މެދުވެރިކޮށް އެމަޢުލޫމާތު ޙިއްސާކޮށްދެއްވުމަށް ފުލުހުންގެ ޚިދުމަތުންވަނީ އެދިވަޑައިގެންފައެވެ. ފުލުހުން ވިދާޅުވީ، މިޕޯޓަލް މެދުވެރިކޮށް ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރުވެރިކަން ކަށަވަރުކޮށްދެއްވާނެކަމަށެވެ.
އަމިއްލަ މަޢުލޫމާތު ހާމަނުކޮށްވެސް މިޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރެއްވޭނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި ތަޙުގީގުކުރައްވާ ފަރާތްތަކާ ގުޅަން ބޭނުންވާ ފަރާތްތަކަށް ގުޅައިގެން އެމައުލޫމަތު ހިއްސާކުރެވޭނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި ކަމާއި ގުޅުންހުރި ހުރިހާ އިދާރާއަކުން މިހާރު ގެންދަވަނީ ތަޙުގީގުކުރައްވަމުންނެވެ. މިކަމުގެ ތަޙުގީގު ކުރިއަށްދާއިރު
ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާ ތަހުގީގަށް ޖާގަދީ، ފުރިހަމަ އެހީތެރިކަން ދިނުމުގެ ގޮތުން ޕީސީބީންވަނީ އެޗްޑީސީގެ ޗެއަރމަން ފިޔަވައި ހުރިހާ ޑިރެކްޓަރުން ސަސްޕެންޑްކޮށްފައެވެ. ޑިރެކްޓަރުން ސަސްޕެންޑްކޮށްފައިވަނީ ފުލުހުންގެ ތަހުގީގު ނިމި ޕީސީބީން ވަކިގޮތެއް އަންގަންދެންނެވެ.
މިމައްސަލައިގައި ތަޙްގީގު ކުރިއަށްދަނިކޮށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހީމް ފަޒުލް ރަޝީދުވަނީ އިސްތިއުފާދެއްވާފައެވެ. ފަޒުލް ވިދާޅުވީ އިސްތިއުފާ ދެއްވީ ބިންވެރިޔާ ސްކީމާ ގުޅިގެން މިހާރު ކުރިއަށްދާ ތަޙުގީގަށް ފުރުސަތު ދިނުމަށާއި، ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ