ޑީއާރުޕީގެ ދަރަންޏަކަށް މައުމޫން ޒިންމާކުރުވާތީ ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ފަށަން ތާވަލުކޮށްފި

އެމްޓީސީސީއަށް ޑީއާރުޕީން ދައްކަން ޖެހޭ ދަރަންޏަކަށް އެ ޕާޓީގެ ކުރީގެ ޒައީމް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ޒިންމާވާން ޖެހޭ ކަމަށް ބުނާ މައްސަލައެއް ހައި ކޯޓުން ބަލާތީ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފި އެވެ.
މައްސަލައިގެ ފެށުން - ސިވިލް ކޯޓުން 2010 ވަނަ އަހަރު، އެމްޓީސީސީއަށް ޑީއާރްޕީން 1.1 މިލިއަން ރުފިޔާ ދައްކަން ހުކުމްކުރި އެވެ. މި ފައިސާ ހުކުމާ އެއްގޮތަށް ނުދެއްކުމުން ޑީއާރްޕީގެ ބޭންކް އެކައުންޓްތަކުން ހޯދުނީ އެންމެ 2،609.33ރ. އެވެ.
ދެން މައްސަލާގައި ކަން ހިނގި ގޮތަކީ:
ބާކީ ފައިސާ ހޯދަން އެމްޓީސީސީން ސިވިލް ކޯޓަށް ދިޔައީ އެ ދަރަންޏަށް މައުމޫން ޒިންމާ ވާން ޖެހޭނެ ކަމަށް ބުނެ
އެމްޓީސީސީން ހަވާލާދެނީ ޕާޓީގެ ދަރަންޏަށް ޒިންމާވާނީ ޕާޓީ އުފެދުނު އިރު ޕާޓީގެ އެންމެ އިސް ފަރާތް ކަމަށް ބުނާ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ މާއްދާއާ
ސިވިލް ކޯޓުން މައްސަލަ ނިންމީ އެ މަނިކުފާނު އެ ފައިސާއަށް ޒިންމާ ވާން ޖެހޭ ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް
ވީކިހިނެއް؟ - ސިވިލް ކޯޓުގެ ހުކުމް އެމްޓީސީސީން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. މައުމޫނަށް ރައްދުވާ ގޮތަށް މައްސަލަ ނުބެލޭނެ ކަމަށް ނިންމުމުން ހައި ކޯޓުން ނިންމީ މައްސަލަ ބޭރު ނުކުރުމަށެވެ.
ތަފްސީލް - މައުމޫނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މިދިޔަ އޭޕްރީލްގައި ހުށަހެޅުއްވި އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ ބުދަ ދުވަހު ހެނދުނު 9 ޖަހާއިރަށެވެ. 
މައްސަލަ ބައްލަވާނެ ބެންޗު ވެސް ސުޕްރީމް ކޯޓުގެ ތާވަލުގައި ހިމަނާފައިވެ އެވެ. ބެންޗުގައި ތިއްބަވާނެ ފަނޑިޔާރުންނަކީ:
ޑރ. އަޒްމިރާލްދާ ޒާހިރު
އާއިޝާ ޝުޖޫން މުޙައްމަދު
ޑރ. މުހައްމަދު އިބްރާހީމް
މައްސަލަ އިސްތިއުނާފުކުރިތާ ނުވަ މަސް ފަހުން ފުރަތަމަ އަޑުއެހުން ތާވަލުކުރިއިރު، މައްސަލަ ފެށުން އެހާ ލަސްވި ސަބަބެއް އަދި ނޭނގެ އެވެ.
އެނގުން މުހިންމު - މައުމޫން އެންމެ ފުރަތަމަ އުފެއްދެވި ޕާޓީ، ޑީއާރުޕީގައި ގާނޫނުގައި ލާޒިމުކޮށްފައިވާ އަދަދަށް މެންބަރުން ހަމަނުވެގެން އެ ޕާޓީ މިހާރު ވަނީ އުވާލައިފަ އެވެ.
ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީގެ މަގުބޫލުކަން ވެއްޓެން ފެށީ، ޕާޓީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި މައުމޫން އެ ޕާޓީން ވަކިވެވަޑައިގެން، 2011 ވަނަ އަހަރު ޕީޕީއެމް އުފެއްދެވި ހިސާބުންނެވެ.
މައޫމޫން އިސްވެ ތިން ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ. ޕީޕީއެމްގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެ ޕާޓީން އެ މަނިކުފާނު ވަކިކުރި ފަހުން އެމްއާރުއެމް ނަމުގައި ޕާޓީއެއް އުފެއްދެވި އެވެ. 
ޕީޕީއެމް އުވާލަން އެ ޕާޓީން ނިންމި އިރު، ޑީއާރުޕީއެކޭ އެއްގޮތަށް އެމްއާރުއެމް ވެސް ގާނޫނުގައި ލާޒިމުކުރާ އަދަދަށް މެންބަރުން ހަމަނުވާތީ ޕާޓީ ވަނީ އުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ