ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗާ ހަވާލުވާން އާދަމް ނަސީރަށް ކޯޓުން އަންގައިފި

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ ހ. ރީނދޫގޭ އާދަމް ނަސީރު އަބޫބަކުރު ހައްޔަރުކޮށް، އޭނާގެ ގެއިން ގެންދިޔަ ތަކެތީގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗާ ހަވާލުވާން އާދަމް ނަސީރުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ބުނެ އާދަމް ނަސީރު 2009 ގައި ހައްޔަރުކޮށް، އޭނާގެ ގެއިން ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި ގިނަ އަދަދެއްގެ ޑޮލަރުތަކެއްގެ އިތުރުން ޗެކްތަކަކާއި ބައެއް ސާމާނުތައް ފުލުހުން ގެންދިޔަ އެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވުމުން ކޯޓުގެ އެންގުމުގެ މަތިން ބައެއް ތަކެތި މީގެކުރިން ވަނީ އޭނާއާ ހަވާލުކޮށްފަ އެވެ.
ބާކީ އާދަމް ނަސީރާ ހަވާލު ނުކޮށް ހުރި ތަކެއްޗާ ހަވާލުވާން މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން އާދަމް ނަސީރަށް އެންގީ އެ ތަކެތި ހޯދަން އޭނާ އެ ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. ކޯޓުގެ ހުކުމުގައިވަނީ އެ ތަކެއްޗާ ހަވާލުވާން ފުލުހުން މަސައްކަތް ކުރުމުން އެ ތަކެއްޗާ އާދަމް ނަސީރު ހަވާލުވެފައިނުވާ ކަން ދެ ފަރާތުގެ ވާހަކަތަކުން ވެސް އެނގޭ ކަމަށެވެ.
އެހެންވެ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ތަކެއްޗާ ހަވާލުވާން އާދަމް ނަސީރަށް ކޯޓުން ވަނީ އަންގައިފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ޝަރީއަތް ކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދުގެ ދަށުން އެފަދަ ތަކެއްޗާ މެދު އަމަލު ކުރަންޖެހޭ އުސޫލުގެ މަތިން އަމަލު ކުރުމުގެ ބާރު ފުލުހުންނަށް އޮންނާނެ ކަމަށް ވެސް ގާޒީ ޒުބައިރު މުހައްމަދު އިއްވެވި އެ ހުކުމުގައިވެ އެވެ.
އާދަމް ނަސީރު އައްޑޫއިން ހައްޔަރުކޮށް، އޭނާ ދަނޑުވެރިކަން ކުރަމުންދިޔަ ގޯތި ތެރެއިން ފުލުހުން ވަނީ މަސްތުވާތަކެތި ހޯދައިފަ އެވެ. ނަމަވެސް ދަށު ކޯޓާއި ހައި ކޯޓުން ވެސް ނިންމީ އެ މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއްކަން ސާބިތުނުވާ ކަމަށެވެ. އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ