ގާޒީ ހަސަން ސައީދުގެ އިތުރު މައްސަލައެއް ޖޭއެސްސީން ބަލަނީ!

ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމެއްގައި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފަށް އަމަލުކޮށްފައި ވާތީ، ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
މީގެ ކުރިން ވެސް ސުލޫކީ މައްސަލަތަކެއް ފެންމަތިވެފައިވާ ގާޒީ ހަސަން ސައީދާއި ގުޅޭގޮތުން ބަލަމުން ދާ މައްސަލައިގެ މައުލޫމާތު ހިއްސާކޮށް ޖޭއެސްސީން ބުނީ، ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމެއްގައި ޖިނާއީ އިޖުރާއަތުގެ ގާނޫނު އާއި ޝަރީއަތް ކުރުމާއިބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ އުސޫލުތަކާ ކަނޑައެޅިގެން ހިލާފަށް އަމަލުކުރިކަމަށް ބުނާ މައްސަލައެއް ކަމަށެވެ. އެކަމަށް ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާއިރު، މިއީ ކޮން ކަމަކާއި ގުޅޭ މައްސަލައެއްކަން ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.
ބެލެވޭ ގޮތުން މިއީ ހައުސިން ޔުނިޓު އަޅައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ހޯދި، ސީ ލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) ޝަރުތުތަކަކާއި އެކު ބަންދުން ދޫކުރި މައްސަލަ އެވެ. އައްމަޓީގެ ކޮއްކޮ އައްމަޓީގެ ކޮއްކޮ އަތީފާ މޫސާ އާއި ކޮއްކޮ މަރިޔަމް ނައީމާ ޖާމިނުކޮށް އައްމަޓީ ބަންދުން ދޫކޮށްލީ ގާޒީ ހަސަން ސައީދެވެ. އޮކްޓޯބަރު މަހުގެ 20 ގައި އައްމަޓީ ކަފާލާތުގެ ދަށުން ދޫކޮށްލުމުން ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމްގެ ނުސީދާ ފާޑުކިއުން ވެސް ގާޒީއަށް އަމާޒުވި އެވެ. 
ފެމިލީ ކޯޓުގައި މަސައްކަތް ކުރައްވަނިކޮށް، އެ ކޯޓުގެ މުވައްޒަފުންތަކެއް އޭނާގެ ފަރާތުން އެކި ކަހަލަ ފުރައްސާތަކާ ކުރިމަތިލާން ޖެހޭކަމަށް ބުނެ ޝަކުވާތަކެއް ހުށަހެޅި އެވެ. އޭގެ ފަހުން ތަނުގެ ތެރޭގައި ފެންމަތިވި ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް އޮއްބާލަން މަސައްކަތް ކުރެއްވިކަމުގެ ތުހުމަތުތަކެއް ކުރެވި މީޑިއާތަކަށް ހުޅުވާލައިގެން ހަސަން ސައީދުގެ މައްސަލަ ދަރުބާރުގޭގައި ޖޭއެސްސީން ބެލި އެވެ. ފަނޑިޔާރުކަމުން ވަކި ކުރަން ނިންމުމަށް ފަހު އޭގެ ފަހުން ޖޭއެސްސީން ނިންމީ ހަސަން ސައީދަށް ދޭ އަދަބެއްގެ ގޮތުން ކްރިމިނަލް ކޯޓަށް ބަދަލު ކުރާށެވެ.
މީގެ އިތުރުން ޖިންސީ ގޯނާގެ 07 ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިން މައްސަލައިގައި ހިމެނެނީ ގާޒީ ހަސަން ސައީދެވެ. އެ މައްސަލަ ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ހުންނަވައި މައްސަލައެއްގައި އަމަލު ކުރި ގޮތަކާއި މެދު ހިތްހަމަނުކެޖެހި އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހަސަން ސައީދުގެ މައްސަލަ ހުށަހެޅި އެވެ. ހަސަން ސައީދަކީ، ކޯޓުގައި ކުރިޔަށް ދާ މައްސަލަތަކާއި، އަދި ނިންމާ ނިންމުންތަކުގައި އަމަލު ކުރާ ގޮތުން އެންމެ ފާޑުކިއުން އަމާޒުވާ ގާޒީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ