ދިވެހި ފުޓްބޯޅަ އަށް ހަތަރު ހިދުމަތްތެރިން
ނެރެދިން ބައްޕައެއް ކަމަށްވާ، އަދި ކްލަބް އީގަލްސްގެ އެންމެ ފުރަތަމަ މަސްއޫލުވެރިޔާ
ހަސަން އަލީ އުމުރުން 78 އަހަރުގައި ރޭގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ.
ސިފައިންގެ ތެރޭގައި ކުރިން މަސައްކަތްކުރި ހަސަން
އަލީ ނިޔާވީ، ލޭގެ ޕްރެޝަރު ދަށްވެގެން، މިދިޔަ ބުރާސްފަތި ދުވަހު އައިޖީއެމްއެޗަށް
ގެންގޮސް ފަރުވާދެމުން އަންނަނިކޮށެވެ. އޭނާގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ
މިއަދުގެ މެންދުރުނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.
ހަސަން އަލީގެ ކުދިންގެ ތެރެއިން އަލީ ސުޒޭން،
މުހައްމަދު ނަޒީހު، އިބްރާހީމް ސިނާޒް (ސިނާ) އަދި އަހުމަދު ރިޔާޒް (ގާނާ) އަކީ ދިވެހި
ފުޓްބޯޅައިގެ ވަރުގަދަ ނަންތަކެއްގެ އިތުރުން، ވިކްޓްރީ ސްޕޯޓްސް ކްލަބުގެ
ތާރީހުގެ މުހިއްމު ބަޔެކެވެ.
ހަސަން އަލީ އަކީ ފަހުން ސީދާ ގުޅުމެއް ނެތަސް، ހުނަރުވެރި
އެތައް ކުޅުންތެރިންތަކެއް ނެރެދިން އަދި ފުރަތަމަ ޑިވިޝަނުގައި ވެސް ކާމިޔާބީތަކެއް
ހޯދި އީގަލްސްގެ މުހިއްމު ހިއްސާދާރެކެވެ. މާފަންނު ހުޅަނގު އުތުރުކޮޅުގައި އޭރު
އުޅުނު ޒުވާނުންތަކެއް ކްލަބެއް ރަޖިސްޓަރީކުރަން ބޭނުންވެ
އެކަމަކު އުމުރު
ހަމަނުވާތީވެ، އެކަން ނުކުރެވި ތިއްބާ އެހީވީ ހަސަން އަލީ އެވެ. އޭރު އެ ހިސާބުގަނޑުގައި
ހުންނަ އެންކަރު ކިޔާ ތަނެއްގައި ވަޒީފާ އަދާކުރި ހަސަން އަލީ ވަނީ އީގަލްސްގެ ނަމުގައި
އެ ޒުވާނުންނަށް ކްލަބް ރަޖިސްޓަރީ ކޮށްދިނުމުގެ އިތުރުން، ފަށައިގަތުމަށް އެހެން
ގޮތްގޮތުން ވެސް އެހީތެރިވެފަ އެވެ.
އީގަލްސް ވެގެންދިޔައީ، ހަސަން އަލީގެ ކުދިންގެ
ބޮޑު ހިއްސާއަކާ އެކު، އޭނާގެ ގޭދޮށު ވިކްޓްރީން 2002 ވަނަ އަހަރު ގައުމީ ތަށީ ދެ
ވަނަ ފަހަރަށް މިލްކުކުރިއިރު އެ ކްލަބަށް ކުޅުނު އިމްރާން މުހައްމަދު، ސޮބާހު
މުހައްމަދު އިބްރާހީމް (ސޮބާ) ފަދަ ކުޅުންތެރިން ފުރަތަމަ ޑިވިޝަނަށް ނެރުނު
ކްލަބަށެވެ.
އެ ފަހަރު ހަސަން އަލީގެ ފުށުން ގަލޮޅު
ދާދަރާގެޔަށް ގައުމީ މުބާރާތުގެ ހަތަރު މެޑަލް ވަނެވެ. އޭރު ސުޒޭނަކީ ވިކްޓްރީގެ އެސިސްޓަންޓް
ކޯޗެވެ. ގާނާ އަކީ ގޯލްކީޕަރު ޓްރެއިނަރެވެ. ނަޒީހާއި ސިނާ އަކީ ކުޅުންތެރިންނެވެ.
ހަސަން އަލީގެ ކުދިންގެ ތެރެއިން އެންމެ ފާހަގަކުރެވެނީ
ސުޒޭނެވެ. ވިކްޓްރީ އާއި ވެލެންސިއާ އަށް ކުރިން ކުޅުނު ސުޒޭނަކީ، ރާއްޖޭގައި
އުފެދުނު އެންމެ ކާމިޔާބު އެއް ކޯޗެވެ. ވިކްޓްރީ އާއި މާޒިޔާއާ އެކު ގިނަ ކާމިޔާބީތަކެއް
ހޯދުމަށް ފަހު، މިހާރު އޭނާ އަކީ ވާދަވެރި ނިއު ރޭޑިއަންޓުގެ ކޯޗެވެ.
ނަޒީހަކީ، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް
މިޑްފީލްޑަރުންގެ ތެރެއިން އެކެކެވެ. ވިކްޓްރީގެ އިތުރުން ނިއު އަށް ވެސް ކުޅުނު
ނަޒީހު ވަނީ 1998 އިން 2004 އަށް ގައުމީ ޓީމުގައި ވެސް ހިމެނިފަ އެވެ. މިހާރު އަކީ
ފާހަގަކޮށްލެވޭ ކޯޗެކެވެ.
The most trusted news source in the Maldives
ސުޒޭނާއި، ނަޒީހަކީ ރާއްޖޭގެ ފުޓްބޯޅައިގައި އިދިކޮޅުގައި
ތިބެ އެއް މެޗެއްގައި ދެ ތީމަށް ކޯޗުކޮށްދިން ފުރަތަމަ އަދި ހަމައެކަނި
ދެބެންނެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި 2016 ވަނަ އަހަރު ނަޒީހު ކޯޗުކޮށްދިން
ވިކްޓްރީ އަތުން 2-1 އިން ސުޒޭން ކޯޗުކޮށްދިން މާޒިޔާ މޮޅުވި މެޗުގައި ދަނޑުގެ
ރޮސްޓަރަމްގައި އެފްއޭއެމްގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ހަސަން އަލީ ހުއްޓެވެ.
ސިނާ އަކީ ވިކްޓްރީގެ އިތުރުން ނިއު އާއި ވީބީ
އައްޑޫ އެފްސީ އަށް ކުޅެފައިވާ ހުނަރުވެރި ޑިފެންޑަރެކެވެ. ފަހުން ވިކްޓްރީގެ
ބޯޑުގައި ވެސް މަސައްކަތްކުރި އެވެ.
ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ގާނާ ވަނީ
ވިކްޓްރީގެ ކީޕަރުން ޓްރެއިން ކުރުމުގައި 30 އަހަރު މަސައްކަތްކޮށްދީފަ އެވެ. އެ
ޓީމުގެ އެންމެ ކާމިޔާބު ދުވަސްތަކުން ފެށިގެން، ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް،
ނުމެކެވި ނުމެދިރި އޮތްއިރު ވެސް ގާނާ ވަނީ ކްލަބުގެ އޮފިޝަލެއްގެ ގޮތުގައި
ހަރަކާތްތެރިވެފަ އެވެ.
"އަޅުގަނޑުމެންގެ ކުޅިވަރު ކެރިއަރުގައި ބައްޕަގެ ދައުރު ވަރަށް ބޮޑު،" ސުޒޭން
ބުނެފައިވެ އެވެ.
ފުޓްބޯޅައިގެ މަޝްހޫރު ހަތަރު ބެއިންގެ ބައްޕަ ހަސަން އަލީ ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ