ކުއްޔަށް އުޅޭ މީހުންގެ ނަމަށް ފެނާއި ކަރަންޓު ބިލުކުރެވޭގޮތަށް ފާސްކޮށްފި

ކުއްޔަށް ދީފައިވާ ތަންތަނުގެ ފެނާއި ކަރަންޓު، ގޭގެ ވެރިފަރާތަށް ބިލުކުރުމުގެ ބަދަލުގައި، އެތަނެއް ކުއްޔަށް ހިފައިގެން އުޅޭ ފަރާތަށް ބިލުކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް ހުށައަޅާފައިވާ މި އިޞްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާޤުންނެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް މިފަދަ އިޞްލާހެއް ގެނައި މައިގަނޑު ސަބަބަކީ ފެނާއި ކަރަންޓުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ބިލުކުރާ މުއްދަތު ތަފާތުވުމުގެ ސަބަބުން ބިލު ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ބޭނުމުގައެވެ. އަދި ދެފަރާތުގެ ހައްގުތައް ހިމާޔަތްކޮށްދީ، ބިލަށް ފައިސާ ދެއްކުމުގައި މަދުވެގެން ދޭންޖެހޭނެ މުއްދަތު ކަނޑައެޅުމާއި ބެހޭ އުސޫލެއް ހެދުމާއި، ބިލު ދެއްކުމުގައި ލުއިތައް ދޭނެ އުސޫލުތަކެއް ޤާއިމްކުރުމަކީވެސް މިފަދަ އިޞްލާހެއްގެ ބޭނުންކަމަށް ބަޔާންކޮށްފައިވެއެވެ.
މަޖިލީހުން ފާސްކުރި އިޞްލާހުގައި ފެނާއި ކަރަންޓުފަދަ އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ ތެރެއިން މީޓަރު މެދުވެރިކޮށް ދޭ ހިދުމަތްތަކުގައި މީޓަރު ރަޖިސްޓްރީކޮށްފައި ހުންނަން ވާނީ އިމާރާތުގެ ވެރިފަރާތުގެ ނަމުގައި ކަމަށްވީ ނަމަވެސް، އެ ޚިދުމަތް ބޭނުންކުރަނީ މީޓަރު ރަޖިސްޓްރީކޮށްފައިވާ ފަރާތުން ނޫންނަމަ، އެ ޚިދުމަތް ބޭނުންކުރާ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވޭނެކަމަށް ބުނެފައިވެއެވެ. އެކަން ކުރުމަށް އުސޫލުތަކެއް ހަދަން މި އިޞްލާހުގައި ލާޒިމްކޮށްފައިވެއެވެ.
މަޖިލީހުން މިގެނައި އިޞްލާހުގެ ސަބަބުން، ޚާއްޞަކޮށް މާލޭގައި ދިރިއުޅުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ ބިލު ނުދެއްކުމުގެ މައްސަލައަށް ހައްލެއް ލިބޭނެކަމަށް މެންބަރުން ވަނީ ވިދާޅުވެފައެވެ. އަދި ތަނެއް ކުއްޔަށް ހިފާ ފަރާތުގެ ނަމުގައި ޔުޓިލިޓީ މީޓަރު ނުހުންނާތީ ސަބްސިޑީ ހޯދުމަށް ދިމާވާ ދަތިތަކަށްވެސް މި އިޞްލާހުގެ ސަބަބުން ހައްލެއް ލިބޭނެކަމަށް މެންބަރުން ވިދާޅުވިއެވެ.
މި އިޞްލާހު މަޖިލީހުން ފާސްކުރުމުގެ ކުރިން، މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީން ވަނީ ކަމާ ގުޅުންހުރި އިދާރާތަކާއި ބައްދަލުކޮށް ޚިޔާލު ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ