އެމްޑީޕީގެ ކޯޅުން ގާސިމް ސިފަކުރެއްވީ ސިޔާސީ ޑްރާމާއަކަށް ވުރެ ވެސް ބޮޑު ޑްރާމާ އެއް ގޮތަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ ދެމެދުގައި އޮތް ވާދަވެރިކަމަކީ ސިޔާސީ ޑްރާމާއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
“ރާއްޖެ ޓީވީ”ގެ ޕްރޮގްރާމެއްގައި އެމްޑީޕީ ރޫޅިދާނެތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން ގާސިމު ވިދާޅުވީ އެމްޑީޕީ ރޫޅިގެން ނުދާނެ ކަމަށާއި ރައީސް ސޯލިހާއި ނަޝީދު އެ ކުޅެނީ ޝޯއެއް ކަމަށެވެ. އަދި އެއީ ސިޔާސީ ޑްރާމާއަކަށް ވުރެ ވެސް ބޮޑު ޑްރާމާއެއް ކަމަށް ވިދާޅުވި އެވެ.
“އިޓްސް ޖަސްޓް އަ ޝޯ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެއިން އެއްވެސް ބޭފުޅަކަށް އެފޯޑެއް ނުކުރެވޭނެ ރިޔާސީ ކެންޑިޑޭޓަކަށް ނުކުންނަ ބޭފުޅަކާ ދެކޮޅަށް މަސައްކަތް ކުރައްވާކަށެއް. ދޭ ޑޯންޓް ހޭވް ދަ އެބިލިޓީ. އެއްވެސް ކަހަލަގެ ހަކަތައެއްވެސް ނުހުންނާނެ. އެއީ ހަމަ ކަނޑައެޅިގެން ޒީރޯ. މީހުންނަށް ދައްކާ ދަޅައެއް އެއީ، އެއްގޮތަކަށްވެސް އެއީ ހަގީގަތެއް ނޫން. އެއީ ސިޔާސީ ޑްރާމާއަކަށްވުރެ ވެސް ބޮޑު ޑްރާމާއެއް” ގާސިމް ވިދާޅުވި އެވެ
އޭނާ ވިދާޅުވާ ގޮތުން، އެމްޑީޕީން ރިޔާސީ ކެންޑިޑޭޓަކު ދެއްކުމުން ޕާޓީގެ ތެރޭގައި ވާދަވެރިކަމެއް ނޯންނާނެ އެވެ. އެއީ ޓިކެޓު ލިބުނު ކެނޑިޑޭޓްގެ ފަހަތަށް ނާރައިފި ނަމަ އެމްޑީޕީއަށްވާ ދެރަ މާބޮޑުވާނެތީ ކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ