އީ ވޯޓިންގް ނިޒާމު ބޭނުންކުރާނީ ރައްޔިތުން އިތުބާރު ކުރާ ނަމަ: އުމަރު

ރާއްޖޭގައި އިލެކްޓްރޯނިކް ވޯޓިންގް ނިޒާމު ބޭނުންކުރާނީ، އެކަމަށް ރައްޔިތުންގެ އިތުބާރު ލިބި، އެ ނިޒާމު ބޭނުންކުރުމަށް ރައްޔިތުން އެއްބަސްވާ ނަމަ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، ވިލާތުގެ އިއްތިހާދުގެ ސަފީރާއި އެ އިއްތިހާދުގެ ގައުމުތަކުގެ މަންދޫބުން މިއަދު ހޯމް މިނިސްޓަރު އުމަރު ނަސީރާ ބައްދަލުކުރައްވައި ރާއްޖޭގެ ބައެއް ކަންކަމާ ބެހޭ ގޮތުން ސުވާލު ކުރެއްވި އެވެ. އޭގެ ތެރޭގައި ރާއްޖޭގައި އީ ވޯޓިންގް ނިޒާމު ތައާރަފު ކުރަން އުޅޭތީ އެކަމާ ބެހޭ ގޮތުން އެބޭފުޅުން މިނިސްޓަރާ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި، ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ރާއްޖެ އަށް ތައާރަފު ކުރަން ނިންމާފައި ވަނީ، ދެކުނު ކޮރެއާގައި ވެސް ބޭނުންކުރާ އީ ވޯޓިންގް ސިސްޓަމް ކަމަށާއި ނަމަވެސް އެ ސިސްޓަމް ތައާރަފު ކުރާނީ އެކަމަށް ރައްޔިތުންގެ އިތުބާރު ލިބި، ރައްޔިތުން އެކަމަށް އެއްބަސްވާ ނަމަ ކަމަށެވެ. އަދި، އެ ސިސްޓަމް ބޭނުންކުރާ ގޮތް މޮނީޓަރު ކުރަން އެދޭ ބޭރުގެ ފަރާތްތަކަށް އެ ފުރުސަތު ވެސް ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު މިހެން ވިދާޅުވި އިރު، 2017 ވަނަ އަހަރުގެ ޖަނަވަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، އީ ވޯޓިންގް ސިސްޓަމް ބޭނުންކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. މިދިޔަ މަހު، ވީޓީވީގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ، ރާއްޖެއަށް ތައާރަފު ކުރަން އުޅޭ ސިސްޓަމަކީ ނެޓްވޯކެއްގެ ތެރެއިން ނިޒާމެއް ނޫން ކަމަށެވެ. އެހެންކަމުން، މި ސިސްޓަމުގައި ބޭނުންކުރާ މެޝިންތައް ހެކު ނުކުރެވޭނެ ކަމަށާއި އިންތިޚާބުގެ ނަތީޖާގެ ސައްހަ ކަމާ މެދު އިތުރު ޔަގީންކަމެއް ލިބިގެން ދާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ