އެސްޓީއޯގެ ކާޑު ގުދަނާއި މެޑިކަލް ގުދަނަށް މިހާރު ކަރަންޓު ދެނީ ސޯލާ ހަކަތައިން

މާލެ ކަޅުތުއްކަލާކޮއްޓާ އިންވެގެން ހުންނަ ހުންނަ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކާޑު ގުދަނުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށް އެ ގުދަނަށާއި މެޑިކަލް ގުދަނުގެ ބޮޑު ބަޔަކަށް ސޯލާ ހަކަތައިން ކަރަންޓު ދޭން ފަށައިފި އެވެ.
މިއީ އެސްޓީއޯގެ ގްރީން އިނީޝިއޭޓިވްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމަށް ހިންގި ޕައިލޮޓް ޕްރޮޖެކްޓެކެވެ.
އިއްޔެ ނިންމާލި މި ޕްރޮޖެކްޓުގެ ދަށުން އެސްޓީއޯގެ ކާޑު ގުދަނުގައި ހަރުކޮށްފައިވާ ސޯލާ ފެނަލްތަކުން އެ ގުދަނަށް ބޭނުންވާ ކަރަންޓުގެ އިތުރުން އެތަނުން އުފައްދާ ކަރަންޓް ސްޓެލްކޯގެ ގްރިޑަށް ފޮނުވައިގެން އެސްޓީއޯގެ މެޑިކަލް ގުދަނުގެ ކަރަންޓުގެ ބޮޑުބައެއްވެސް ދެނީ ސޯލާ ހަކަތައިންނެވެ.
އެސްޓީއޯގެ ކާޑު ގުދަނަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމުގެ ގޮތުން ގުދަނުގައި ބޭނުން ކުރަމުންދަނީވެސް ތިމާވެއްޓާ ރައްޓެހި ބެޓްރީ ފޯކްލިފްޓެވެ.
އެސްޓީއޯ އިން ބުނީ، އެ ކުންފުނީގެ އެކިއެކި އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓް އުފެއްދުމަށް އިޔާދަކުރަނިވި ހަކަތައިގެ އިތުރު ޕްރޮޖެކްޓްތައް ކުރިއަށް ރޭވިފައިވާ ކަމަށެވެ. އޭގެ އިތުރުން ގްރީން އިނީޝިއޭޓިވް ދަށުން އެތައް ޕްރޮޖެކްޓްތަކެއް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ.
އެސްޓީއޯ އިން ބުނީ، އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ކާބަން އެމިޝަން މަދުކުރުމަށް ކުރެވޭނެ ކަންކަން ބަލައި އެގޮތުގެ މަތިން ކުންފުނީގެ މަސައްކަތްތައް ބަދަލުކުރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ