މިވަގުތު ސަރުކާރު އިއްތިހާދުގައި ތިބި ހުރިހާ ސިޔާސީ ޕާޓީތަކުން ވަކި ވަކި ކެނޑިޑޭޓުން މިއަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭނެކަމަށް ލަފާކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ނިކުންނާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިންގައި ނ. ވެލިދޫގައި ވާހަކަ ދައްކަވަމުން ރޭ ރައީސް ނަޝިީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ކުރިމަތިލިއިރު ސިޔާސީ ޕާޓީތަކުގެ ލީޑަރުން ތިބީ ބަންދުގައި ކަމަށެވެ. އެގޮތުން ގާސިމް އިބްރާހީމާއި، އިމްރާން އަބްދުﷲ އާއި މައުމޫނު އަބްދުލް ގައްޔޫމުގެ އިތުރުން ރައީސް ނަޝީދުވެސް ހުންނެވީ ޖަލު ބަންދުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީނާއި ވާދަކުރައްވަން އިންތިހާބަށް ނިކުންނާނެ ލީޑަރަކު ނެތުމުން އެހެން ހުރިހާ ސިޔާސީ ޕާޓީތަކުން އެއްގަލަކަށް އަރައި ނިންމީ އެމްޑީޕީން ކެނޑިޑޭޓަކު ނެރި އެ ކެނޑިޑޭޓަށް ތާއީދު ކުރަންކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ޞާލިހަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބުނީ އެހެންވެގެން ކަމަށާއި އެހެންނަމަވެސް މިހާރު ހާލަތު ބަދަލުވެފައިވާ ކަމަށެވެ.
އެގޮތުން މިހާރު ހުރިހާ ލީޑަރުންވެސް ތިއްބެވީ މިނިވަންވެފައި ކަމަށާއި އެހެންކަމުން އެމަނިކުފާނަށް ލަފާ ކުރެވެނީ އިންތިހާދުގައި އޮތް ހުރިހާ ސިޔާސީ ޕާޓީތަކުންވެސް އިންތިހާބަށް ކެނޑިޑޭޓަކު ނެރޭނެކަމުގައި ކަމަށްވެސް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން އިންތިހާބަށް ކެނޑިޑޭޓަކު ނެރޭނެކަން މިދިޔަ އަހަރު ވަނީ އިއުލާންކޮށްފަ އެވެ. ރައީސް ނަޝީދު މިކަން ފާހަގަކުރެއްވި އެވެ. އެއާއިއެކު މިހާރު ކަން ހިނގަމުން ދާ ގޮތަށް ބަލާއިރު ރައީސް ޞާލިހު ނިކުމެވަޑައިގެން ރައްޔިތުންގެ 20 ނުވަތަ 25 އިންސައްތަ ތާއީދު ލިބޭނެކަމާއިމެދުވެސް ޝައްކު ކުރައްވާކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބި 39،000 މެމްބަރުން ޕާޓީން ވަކިކޮށްފައިވާކަމުގެ ތުހުމަތު ރައީސް ނަޝީދު ގެންދަވަނީ ކުރައްވަމުންނެވެ. ރޭވެސް ވިދާޅުވީ އެ 39،000 މެމްބަރުން ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހަށް ވޯޓު ދޭނެކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ.
މިދިޔަ އަހަރު ފަހުކޮޅު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އެޕާޓީގެ 94،000 މެމްބަރުންނަށް ވޯޓު ލުމުގެ ހައްގު ލިބުނެވެ. އެހެންނަމަވެސް މިފަހަރު ވޯޓު ލުމުގެ ހައްގު ލިބެނީ ބައި ލައްކައެއްހާ މެމްބަރުންނަށެވެ.
ރައީސް ޞާލިހު ވިދާޅުވާ ގޮތުގައި ކޯލިޝަނަކާއިއެކު އިންތިހާބަށް ނިކުމެވޭނެކަމުގެ ވަރަށްބޮޑު ޔަގީންކަމެއް އެމަނިކުފާނަށް އެބަ އޮތެވެ. އަދި އެހެން ވެއްޖެނަމަ ފަސޭހަކަމާއިއެކު އިންތިހާބު ކާމިޔާބު ކުރާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދުގެ އަންދާޒާ: އިއްތިހާދު ޕާޓީތަކުން ވަކިވަކި ކެނޑިޑޭޓުން ނިކުންނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ