ގަަސް ކަނޑާ މައްސަލައިގައި ކޯޓަށް ވަޑައިގަތުމަށް ނަޝީދު ނިންމަވައިފި

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވުމަށް އަމުރެއް ހޯދުމަށް މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން މިމައްސަލައިގައި ގާނޫނީ އެންމެހާ މަސައްކަތްތަކެއް ކުރުމަށް ޝުނާނާ އެންޑް ކޯ އެލްއެލްޕީއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
އެ ލޯ ފާމުން މިއަދު އަމީނީ މަގުން ގަސް ކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި މާދަމާގެ ވަގުތެއްގައި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވުމަށް އަމުރެއް ހޯދުމަށް މައްސަލަ ކޯޓަށް ހުށެޅުއްވުމަށް ނިންމަވާ އެކަމަށް ލޯ ފާމެއް ރައީސް ނަޝީދު ހަމަޖައްސަވާފައި މިވަނީ މިމައްސަލައިގައި އަމިއްލަ ހައިސިއްޔަތުން ކޯޓަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ މިދިޔަ ހޯމަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި އެމަނިކުފާނު ވާހަކަދެއްކެވުމަށްފަހު އެވެ.
އެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އަމީނީ މަގުގައި ހުރި ގަސްތައް ނަގައިގެން އެ މަގު ހެދުމަކީ މާލޭގައި ދިރިއުޅޭ ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން އެ ނޫން ގޮތެއް ހޯއްދެވުމަށް އިލްތިމާސް ކުރައްވަމުން ރައީސް ނަޝީދު ވަނީ ސަރުކާރެއް އިންޒާރެއް ދެއްވާފަ އެވެ.
"އަޅުގަނޑު އުއްމީދު ކުރަން އެ ކުންފުނިން [އާރްޑީސީ] އިންނާއި ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން މިކަމާ އިތުރު ވިސްނުމަކަށް ވަޑައިގަންނަވާނެ ކަމަށް. އެހެން ނޫންނަމަ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޝަރީއަތަށް ވަޑައިގަތުން ނޫން ގޮތެއް ނެތް،" ސަރުކާރަށް އިންޒާރު ދެއްވާ ނަޝީދު ވިދާޅުވި އެވެ.
ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހް ކުރީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ. މިމަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ. މަޝްރޫއުގެ އަގަކީ 84 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު މިއަދު އަވަސް އަށް ވިދާޅުވީ އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވަން އަމިއްލަ ހައިސިއްޔަތުން ރައީސް ނަޝީދު ކޯޓަށް ވަޑައިގެން ހައްގު ހޯއްދެވުމަށް ކުރައްވާ އެއްވެސް ކަމަކަށް ހުރަސް ނާޅުއްވާނެ ކަމަށެވެ.
މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އަމީނީ މަގުގައި މިހާރު ހުރި ގަސްތަކަކީ އެއްވެސް ތަރުތީބެއްނެތި ހުރި ގަސްތަކަކަށްވާތީ އެގަސްތައް ބަހައްޓައިގެން ވީލްޗެއާ ދުއްވޭ ގޮތަށް މަގު ނުހެދޭނެ ކަމަށެވެ. އަދި ފެން ބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް މަގުގެ އަޑީގައި އަޅަންޖެހޭ ހޮޅިތައްވެސް ގަސްތައް ބަހައްޓައިގެން ނޭޅޭނެ ކަމުގައި ވިދާޅުވި އެވެ. ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރެވި ދިރާސާކުރުމަށްފަހު ފެނުނު އެންމެ ރަނގަޅު ގޮތަކީ، މިހާރު ހުރި ގަސްތައް ނަގައި އަލުން ގަސް އިންދުން ކަމުގައިވެސް ވިދާޅުވި އެވެ.
"މިހާރު ހުރި ގަސްތައް ނަގާފައި އެގަސްތައް ނައްތާ ނުލައި، އެހެންތަނެއްގައި އިންދުން އަދި އަމީނީ މަގުގައި ވަކި ތަރުތީބަކުން 10 ފޫޓު 15 ފޫޓުގެ ދުރުމިނުގައި އެމަގާ ގުޅޭ ރަނގަޅު ގަސްތަކެއް ވެސް ހޯދާ އިންދާނެ،" މޫސާ އަލިމަނިކު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ