މޫސުން ވަރަށް ގޯސް، ދެކުނަށް ރީނދޫ އެލާޓް، ކ އަތޮޅުން ތ އަތޮޅަށް ވައިޓް އެލާޓް!

މޫސުން ގޯސްވެ ދެކުނުގެ އަތޮޅުތަަކަށް މޫސުމާ ބެހާ ގައުމީ އިދާރާ (މެޓް)އިން ރީނދޫ އެލާޓު ނެރެފިއެވެ.
ބޯކޮށް ވާރޭވެހުމާއެކު، ގުގުރުން އަދި ގަޑިއިރަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ އެލާޓު ނެރެފައިވަނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. އެއީ މިއަދު 12:30 އިން ހަވީރު 04:30ގެ ނިޔަލަށެވެ.
މީގެ އިތުރުން ބޯކޮށް ވާރޭވެހުމާއެކު، ގުގުރުން އަދި ގަޑިއިރަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ކ އަތޮޅުން ތ އަތޮޅަށް ވެސް ވަނީ ވައިޓް އެލާޓު ނެރެފައެވެ. އެއީ މިއަދު 01:00 އިން ރޭގަނޑު 07:00ގެ ނިޔަލަށެވެ.
މެޓުން އަންނަނީ މި ދުވަސްތަކުގައި މޫސުން ގޯސްވެ، ކަނޑުގަދަވާނެ ކަމަށް ލަފާކޮށް އެކަންކަމަށް ސަމާލުވުމަަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ފުލުހުން ވެސް ވަނީ މޫސުމަށް ސމާލުވުމަށް އެދިފައެވެ. ފުލުހުން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ އަދި ކަނޑުދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް އިލްތިމާސްކުރާ ކަަމަށެވެ.
އެގޮތުން، ތިމާ އާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އޭގެ އިތުރުން އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމައްޓަކައި އުޅަނދުގައި ފުރިހަމަވެފައި ހުންނަން ޖެހޭ މުއާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯ އާއި އެ ތަކެތި ހުރީ ބޭނުންކުރެވޭ ފަދަ ހާލަތުގައިތޯ ޔަގީންކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި ދަތުރަކަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ކަނޑުގަދަ ނަމަ ދަތުރު ނުކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ